ރާއްޖޭގެ ޖީޑީޕީގެ 15 ޕަސެންޓަކީ ޑިޖިޓަލް އަދި އުފެއްދުންތެރި އިގްތިސޯދު ހިއްސާކުރާ މިންވަރަކަށް ހެދުމަކީ 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ އަމާޒެއް: ރައީސް
23 އޯގަސްޓު 2026 - 18:31

ރާއްޖޭގެ ޖީޑީޕީގެ 15 ޕަސެންޓަކީ ޑިޖިޓަލް އަދި އުފެއްދުންތެރި އިގްތިސޯދު ހިއްސާކުރާ މިންވަރަކަށް ހެދުމަކީ 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާލޭގެ ނަސަންދުރާގައި ބޭއްވި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation
ރައީސް ވިދާޅުވީ އެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ރޭވިފައިވާ ކަމަށެވެ. އެގޮތުން ސަގާފީ މަސައްކަތްތެރިންނަށް ހާއްސަ މަރުކަޒުތަކާއި ފަންނުވެރިންގެ ވިޔަފާރި ފުޅާކުރެވޭނެ 'ކްރިއޭޓާ ހަބް' ތައް ގާއިމުކުރުމުގެ އިތުރުން، ފަންނުވެރިންގެ ހުނަރު ދައްކާލުމަށް ބާއްވާ 'މޯލްޑިވްސް އެކްސްޕޯ' ގެ ދެވަނަ މައުރަޒު މިއަހަރުގެ އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ރާއްޖޭގެ ފުރަތަމަ "ޓްރޭޑް އެކްސެލެރޭޝަން ޒޯން" އަންނަ ޖެނުއަރީ މަހުގެ ކުރިން ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ވިޔަފާރިވެރިންނަށް މާލީ މުއާމަލާތްތައް ފަސޭހަކުރުމުގެ ގޮތުން ޑިޖިޓަލް ވޮލެޓްތަކާއި ބީއެމްއެލް ސްވައިޕްގެ އިތުރުން ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފުކޮށްފައިވާކަމަށް ވިދާޅުވިއެވެ.
"މިއީ، އަޅުގަނޑުމެންގެ ފަންނުވެރިންނާއި މަސައްކަތްތެރިންނާއި ވިޔަފާރިވެރިންނަށް އެހީތެރިވުމަށް ކުރެވޭ މަސައްކަތްތަކެއް،" ރައީސް ވިދާޅުވިއެވެ.
"މޯލްޑިވްސް 2.0" އެޖެންޑާގެ ދަށުން ރާއްޖޭގެ ރަށްތައް ވަކިވަކިން އޮތުމުން ދިމާވާ ޖިއޮގްރަފީގެ ހުރަސްތައް ނައްތާލުމަށް ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ކަނޑުއަޑީގެ ކޭބަލް ވިއުގައަށް ގޫގުލްއިން ކުރި އިންވެސްޓްމަންޓަކީ ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖެ ކުރިއަރަމުން އަންނަކަމުގެ އަލިގަދަ ހެއްކެއްކަމަށް ވިދާޅުވެ، ކުދި ޖަޒީރާ ގައުމުތަކުގައި ޑިޖިޓަލް ވަސީލަތްތަކަކީ ވަޒީފާއާއި އިގްތިސޯދީ ފުރުސަތުތައް ފަހިކޮށްދޭ ބިންގާކަން ފާހަގަކުރެއްވިއެވެ. "އެހެންކަމުން، އަޅުގަނޑުމެންގެ ކުޑަކަމަކީ ފައިދާއަކަށް ބަދަލުކުރެވިދާނެ ކަމެއް،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ބާއްވާ ފުރަތަމަ "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" މެދުވެރިކޮށް ބައިނަލްއަގުވާމީ އިންވެސްޓަރުންނަށް ފުރުސަތުތައް ހުޅުވިފައިވާކަން ފާހަގަކުރައްވައި، ސަރުކާރުތަކާއި މާލީ އިދާރާތަކާއި ޓެކްނޮލޮޖީ ދާއިރާ ގުޅިގެން މަސައްކަތްކޮށް، ކުދި ގައުމުތަކަކީ އީޖާދީ އާ ވިސްނުންތައް އުފަންކުރާ މަރުކަޒުތަކަކަށް ހެދުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.
"މިއީ އިގްތިސޯދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބޭނެ ދާއިރާތަކެއް. އެހެންކަމުން، އެންމެ ފުރަތަމަ ބާއްވާ 'އައިލެންޑް އިންވެސްޓްމަންޓް ފޯރަމް' ރާއްޖޭގައި ބޭއްވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. ރާއްޖެއަކީ އެކި ސިނާއަތްތަކުން ފެށިގެން އުމްރާނީ ތަރައްގީގެ ދާއިރާއާ ހަމައަށް ބައިނަލްއަގުވާމީ އިންވެސްޓްމަންޓްތައް ހުރި ގައުމެއް. މީގެ ފައިދާ ދިވެހި ރައްޔިތުންނަށާއި އިންވެސްޓަރުންނަށްވެސް ދަނީ ލިބެމުން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
