ކްރެޑިޓް ކާޑަށް ފައިސާ ދައްކަން އަންގައި ކުރީގެ މެމްބަރު ޝިޔާނުގެ މައްޗަށް ހުކުމްކޮށްފި

19 އޮކްޓޯބަރު 2025 - 18:02

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކޮށްފައިވާ ކްރެޑިޓް ކާޑަށް ފައިސާ ނުދައްކައިގެން، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ކުރީގެ މެންބަރު ހަސަން ޝިޔާންގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ސިވިލް ކޯޓުން މައްސަލަ ބެއްލެވި ގާޒީ އަބްދުއްނާސިރު ޝަފީގު ކުރެއްވި ހުކުމުގައި، ޝިޔާންގެ ވިސާ ޕްލެޓިނަމް ކްރެޑިޓް ކާޑަށް ނުދައްކާ އޮތް 10،069 އެމެރިކާ ޑޮލަރާއި ރިކަވަރީ ފީގެ ގޮތުގައި 5،000 ރުފިޔާ، އެއް އަހަރު ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގަވާފައިވެއެވެ.

Ad by Hajj Corporation
މި މައްސަލައިގެ ޝަރީއަތުގައި ޝިޔާން ވަނީ ބޭންކަށް ފައިސާ ދައްކަންޖެހޭކަމަށް އިއުތިރާފުވެފައެވެ. އަދި މަހަކު 5،000 ރުފިޔާގެ ރޭޓުން ފައިސާ ދައްކަމުން ގޮސް ހަލާސްކުރުމަށް އެދިވަޑައިގެންފައިވީ ނަމަވެސް، ބޭންކުން ވަނީ އެ ހުށަހެޅުމަށް އިންކާރުކޮށްފައެވެ.
ޝިޔާނަކީ 19 ވަނަ މަޖިލީހަށް އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުވެވަޑައިގެންނެވި މެންބަރެކެވެ. އެމްޑީޕީ ދެބައިވުމާ ގުޅިގެން އޭނާ ވަނީ ޑިމޮކްރެޓިކް ޕާޓީއާ ގުޅިވަޑައިގެންފައެވެ. އޭގެ ފަހުން އަލުން އެމްޑީޕީއަށް ބަދަލުވެވަޑައިގަތުމަށްފަހު، ވެރިކަން ބަދަލުވުމާއެކު މިހާރު ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.