ގިނަ ދާއިރާތަކަކުން މިސްރާއެކު ބިނާކުރަނިވި ކާމިޔާބު މަޝްވަރާތަކެއް
20 އޮކްޓޯބަރު 2025 - 04:54

މިސްރަށް ކުރެއްވި ދަތުރުފުޅުގައި ގިނަ ދާއިރާތަކަކުން މިސްރާއެކު ބިނާކުރަނިވި ކާމިޔާބު މަޝްވަރާތަކެއް ކުރެވުނުކަން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ހާމަކުރައްވައިފިއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ މިސްރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ސޯޝަލްމީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation
ވަޒީރު ވިދާޅުވީ މިސްރާއެކު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ތަޢުލީމީ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވިކަމަށެވެ.
މި ދަތުރުފުޅުގައި ވަޒީރު ޚަލީލްވަނީ މިޞްރުގެ ޚާރިޖީ ވަޒީރު ޑރ. ބަދުރު ޢަބްދުލްލަޠީއާ ބައްދަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި މިޞްރާއި ދެމެދު ޒަމާންވީ އަޙްވަންތަ ގުޅުމުގެ މައްޗަށް ދެ ވަޒީރުންވެސް އަލިއަޅުވާލައްވައި، ދެޤައުމުގެ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާ ކުރެއްވިއެވެ.
އަދި އިސްލާމްދީނުގެ މަތިވެރި އަސާސްތަކާއި، އެއްގޮތް ޘަޤާފަތެއްގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އިޤްތިޞާދީ ރޮނގުންނާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ސިއްޙީ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުންނާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އަދި ދަނޑުވެރިކަމާގުޅޭ ގޮތުން ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން ޑރ. ޚަލީލު، މިޞުރުގެ ފޮރިން މިނިސްޓަރއާ މަޝްވަރާކުރެއްވިއެވެ. އަދި މީގެ އިތުރުންވެސް ދެ ޤައުމުގެ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުންދީ ދެ ޤައުމުގެ މަޞްލަޙަތުތައް ކުރިއެރުވުމަށާއި ދިވެހިރާއްޖެއާއި މިޞްރާ ދެމެދު ފަރުދުންގެ ފެންވަރުގައި ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
އަދި މީގެ އިތުރުންވެސް ބައިނަލްއަޤްވާމީ މަންސަތަކުގައި ދެމެހެއްޓެނިވި ތަރައްޤީއާއި ސަލާމަތާއި ރައްކާތެރިކަމަށް އެޅެން ހުރި ފިޔަވަޅުތަކާގުޅޭގޮތުން ދެޤައުމުގެ ދެމެދު އެއްބާރުލުން ދިނުމާގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.
އަދި މި ދަތުރުފުޅުގައި ތެރެއިން ރާއްޖެއާއި މިޞްރާއި ދެމެދު ސިޔާސީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައިވެއެވެ.


