ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިއިރު، ތެލެސީމިއާ ސެންޓަރުގައި ވެރިއެއް ވެސް ނެތް: ސުޖާއު
20 އޮކްޓޯބަރު 2025 - 10:19

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިއިރު، ތެލެސީމިއާ ސެންޓަރުގައި ވެރިއެއް އަދި ޑައިރެކްޓަރ އެއްވެސް ނެތްކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ސުޖާއު ވިދާޅުވެއްޖެ އެވެ.
މެމްބަރު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގައި ލޭ ހޯދުމަށް ނުހަނު ދަތިވާކަން ފާހަގަކޮށް އެ މައްސަލަ ހައްލުކުރުމާއި މެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތް ދެނެގަތުމަށް އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ހުށައަޅާފައިވާ ޤަރާރަށް ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation
މެމްބަރު ސުޖާއު ވިދާޅުވީ، މި ޤަރާރަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހާ ގުޅޭ ޤަރާރެއް ކަމަށް ގަބޫލުކުރެވެން ނެތް ކަމަށާއި،މި ޤަރާރު ހުށަހަޅަން އެންމެ އައުލާކަން ބޮޑު މަޖިލީހަކީ ނިމިގެން ދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.
އަދި މިކަމާ ދޭތެރޭ އެމްޑީޕީ މެމްބަރުން ކަންބޮޑުވާނަމަ، އެމްޑީޕީ ސަރުކާރުގައި ތެލެސީމިއާ ސެންޓަރަށް ޑައިރެޓަރ ޖެނެރަލް އެއް އައްޔަން ކުރެވިފައި ހުންނަން ޖެހޭނެ ކަމަށާއި،ތެލެސީމިއާ ސެންޓަރު އެހެން ތާކަށް ބަދަލުކޮށް ،އެ ސެންޓަރު މާލެ ސިޓީ އޮފް ގުރޫޕް ގެ ދަށަށް ބަދަލުކުރައްވާ އަދި ލޭ ލިބުމުގައި އެއްވެސް ދަތިކަމެއް ނުހުންނާނޭހެން ހުރިހާ އިންތިޒާމްތަށް ހަމަޖެއްސެވީ ރައީސް މުއިއްޒު ކަމަށް މެމްބަރުގެ ވާހަކާގައި ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެއިތުރުން، ކުނިވެފައި ހުރި ލޭ ތެލެސީމިއާ ކުދިންގެ ގަޔަށް އަޅަން ޖެހުނު ހާލަތަކަށް ރާއްޖެ ގޮސްފައިވާކަމަށް ބުނެ އެމްޑީޕީ މެމްބަރަކު ހަދަނީ ދޮގު ކަމަށާއި، މި ޤައުމުގައި ތެލެސީމިއާ ސެންޓަރުން ތެލެސީމިއާ އެއްވެސް ކުއްޖެއްގެ ގަޔަށް ކުނި ވެފައި ހުރި ލޭ އަޅަން ޖެހޭ ފަދަ އެއްވެސް ހާލަތެއް މެދުވެރިވެފައި ނުވާނެ ކަަމަށް ވެސް މެމްބަރު ސުޖާއު ވަނީ ވިދާލުވެފައެވެ. އަދި އެމްޑީޕީ މެމްބަރުން މިއަދު ތެލެސީމިއާ ކުދިންނަށް ލޭ ހޯދުމުގައި ދަތި ވެގެން އުޅޭ ކަމަށް ބުނެ އެ ހަދަނީ ހުސް ދޮގު ކަަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ތެލެސީމިއާ ކުދިންގެ ކަންކަމާ މެދު ރައީސް ޑރ މުއިއްޒު އަވަސް ފިޔަވަޅުތަކެއް އަޅުއްވައި، ގެނެސްދެއްވި ހައްލުތައް ފާހަގަ ކުރައްވާ މެމްބަރު ސުޖާއު ވަނީ އެ ކަންކަމާ މެދު ފަހުރުވެރިވާކަމަށް ވެސް ވިދާޅުވެފައެވެ.