އިސްރާއީލަށް ހަނގުރާމައިގެ ވަސީލަތެއްގެ ގޮތުގައި ބަނޑަށް ޖެއްސުން ބޭނުމެއް ނުކުރެވޭނެ: އައި.ސީ.ޖޭ

22 އޮކްޓޯބަރު 2025 - 15:01

އިސްރާއީލަށް ހަނގުރާމައިގެ ވަސީލަތެއްގެ ގޮތުގައި ފަލަސްތީނުގެ އާންމު ރައްޔިތުން ބަނޑަށް ޖެއްސުން ބޭނުން ނުކުރެވޭނެ ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އިން ބުދަ ދުވަހު ބުނެފިއެވެ.
އިސްރާއީލުން ފަލަސްތީނުގައި ހިންގާ ލާއިންސާނީ ޖަރީމާތަކާއި ގުޅިގެން އައި.ސީ.ޖޭއިން ބުދަ ދުވަހު ނެރުނު ރައުޔުގައި ބަޔާންކޮށްފައިވާ ގޮތުން، ޖެނީވާ ކޮންވެންޝަންގެ ދަށުން އިސްރާއީލުގެ މައްޗަށް ލާޒިމުވަނީ، ތިންވަނަ ޤައުމުތަކުންނާއި ވަކި ފަރާތަކަށް ނުޖެހޭ އިންސާނިއްޔަތުގެ ޖަމާޢަތްތަކުން ހުށަހަޅާ އެހީގެ ސްކީމްތަކަށް އެއްބަސްވެ، އެކަމަށް މަގުފަހިކޮށްދީ، ޣައްޒާއަށް އެކަށީގެންވާ މިންވަރަށް އެހީ ފޯރުކޮށްދިނުން ކަށަވަރުކުރުމެވެ. މީގެ ތެރޭގައި އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައި.ސީ.އާރް.ސީ) އާއި ފަލަސްތީނު ރެފިއުޖީންނަށް އެހީތެރިވާ ޔޫ.އެން އޭޖެންސީ (އަންރުވާ) ހިމެނެއެވެ.

Ad by Hajj Corporation
"ކޯޓުން ހަނދާންކޮށްދެނީ ހަނގުރާމައިގެ ވަސީލަތެއްގެ ގޮތުގައި އާންމު ރައްޔިތުން ބަނޑަށް ނުޖެއްސުމަށް އިސްރާއީލަށް އޮތް ޒިންމާއެވެ،" ރައުޔުގައި ބުނެފަވެއެވެ.
ކޯޓުން ފާހަގަކޮށްފައިވާ ގޮތުގައި ޣައްޒާގެ އާބާދީއަށް މިހާރު ފޯރުކޮށްދެވިފައިވަނީ ހަތަރުވަނަ ޖެނީވާ ކޮންވެންޝަންގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މާނައިގައި "އެކަށީގެންނުވާ" މިންވަރަކަށް އެހީތެރިކަމެވެ. އެހެންކަމުން، އިސްރާއީލުން އިންސާނިއްޔަތުގެ އެހީގެ މަސައްކަތްތަކަށް ހުއްދަދީ، އެހީތެރިވާންޖެހޭނެ ކަމަށް ކޯޓުން ބުނެފައިވެއެވެ.
އައި.ސީ.ޖޭއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، 2023 އޮކްޓޯބަރު 7 ގެ ހާދިސާތަކަށްފަހު، އިސްރާއީލުން އެހީ ވެއްދުމަށް ގަދައަޅައި ހުރަސްއަޅައި، މި އަހަރުގެ މާރިޗު 2 އިން ފެށިގެން އިންސާނިއްޔަތުގެ އަދި ޞިއްޙީ އެހީ ފޯރުކޮށްދިނުން ވެސް ހުއްޓުވާލާފައިވެއެވެ. ނަމަވެސް މޭ 19 އިން ފެށިގެން ވަރަށް މަދު މިންވަރަކަށް އެހީ ފޯރުކޮށްދިނުމަށް ހުއްދަދީފައިވާ ކަމަށް ވެސް ކޯޓުން ފާހަގަކޮށްފައިވެއެވެ.