ބައްޕައާއި ދެކޮޅަށް ކައިޒީން ކުރި ދައުވާގައި މައްސަލަ އަލުން ބަލަން ހައި ކޯޓުން އަންގައިފި
29 އޮކްޓޯބަރު 2025 - 11:07

ރާއްޖޭގެ މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އޭނާގެ ބައްޕަ އިބްރާހިމް އަލިފުޅާ ދެކޮޅަށް ހުށަހެޅި ބޯޓެއްގެ މައްސަލާގައި ސިވިލް ކޯޓުން ކައިޒީންއާ ދެކޮޅަށް ކުރި ހުކުމް ހައި ކޯޓުން އަނެއްކާވެސް ބާތިލުކޮށްފިއެވެ. އެ މައްސަލަ އަލުން ބަލައި، ބައްޕަގެ ދިފާއާއެކު ދަށު ކޯޓުގައި ކުރިއަށް ގެންދިއުމަށް ހައި ކޯޓުން މިހާރު ވަނީ ސިވިލް ކޯޓަށް އަންގާފައެވެ.
ކައިޒީން ސިވިލް ކޯޓުގައި ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ "މިހިރީ 5" ބޯޓު ގަތުމަށް އޭނާގެ ބައްޕައަށް 3.6 މިލިއަން ރުފިޔާ ހަވާލުކޮށްފައިވާ ކަމަށާއި، ބޯޓުގެ ރަޖިސްޓްރީ އޭނާގެ ރުހުމަކާ ނުލައި ބައްޕަގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ބޯޓުގެ ރަޖިސްޓްރީ އޭނާގެ ނަމަށް ބަދަލުކޮށްދިނުމަށާއި، އޭނާގެ ބައިވެރިވުމަކާ ނުލައި ބޯޓުގެ އެއްވެސް މުއާމަލާތެއް ނުކުރުމަށް ކައިޒީން ވަނީ ކޯޓުގައި އެދިފައެވެ.

Ad by Hajj Corporation
މި މައްސަލަ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅުމަށް ފަހު، ބައްޕަގެ ފަރާތުން ޖަވާބު ނުދިނުމުން ގައިރު ހާޒިރުގައި ހުކުމް ކުރުމަށް ކައިޒީން އެދުނެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ އެގޮތަށް ހުކުމް ނުކުރެވޭނެ ކަމަށެވެ. މި ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، ހައި ކޯޓުން ސިވިލް ކޯޓުގެ ނިންމުން ބާތިލުކޮށް، ގައިރު ހާޒިރުގައި ހުކުމް ކުރުމާ މެދު އަލުން ގޮތެއް ނިންމުމަށް މައްސަލަ އަނބުރާ ސިވިލް ކޯޓަށް ފޮނުވިއެވެ.
ދެވަނަ ފަހަރު ސިވިލް ކޯޓުން މައްސަލަ ބެލިއިރު، ހެކިންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރުމުން، އެ ބޯޓަކީ ކައިޒީން ފައިސާ ދީގެން ގަނެފައިވާ ބޯޓެއް ކަމަށް މަދަނީ މިންގަނޑުން ސާބިތު ނުވާ ކަމަށް ނިންމިއެވެ. ސިވިލް ކޯޓުގެ މި ހުކުމްގެ ސަބަބުން ކައިޒީންއަށް އެ މައްސަލައިގައި ބައްޕައާ ދެކޮޅަށް ކާމިޔާބު ނުލިބުނެވެ.
މި ނިންމުންވެސް ކައިޒީން ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައި ކޯޓުން އެންމެ ފަހުން ނިންމާފައިވަނީ، ދައުވާގެ ދިފާއު ލަހުން ހުށަހެޅުނު ނަމަވެސް، އެއީ ޝަރީއަތްކޮށް ނިންމަން ޖެހޭ މައްސަލައެއް ކަމަށް ދެކޭ ކަމަށެވެ. އަދި ހަމައެކަނި އިޖުރާއީ ކަންކަމުގެ ތެރޭގައި މައްސަލަ ދައުރުވަމުންދާތީ، މައުލޫއީ ގޮތުން ފުރަތަމަ ފަހަރަށް ހައި ކޯޓުން މައްސަލަ ބެލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ހުކުމްގައިވެއެވެ. އެހެންކަމުން، ބޯޓުގެ ހަގީގީ މިލްކުވެރިކަމުގެ މައްސަލަ އަލުން ބަލައި، ކައިޒީންގެ ބައްޕަ(އިބްރާހިމް އަލިފުޅު)ގެ ދިފާއާއެކު ދަށު ކޯޓުގައި ކުރިއަށް ގެންދިއުމަށް ހައި ކޯޓުން ވަނީ ސިވިލް ކޯޓަށް އަންގާފައެވެ.


