ރާއްޖޭގައި އުރަމަތީގެ ކެންސަރު ދުރާލާ ދެނެގަނެވޭނޭ އިންތިޒާމު ހަމަޖެހުން މުހިންމު: ފަސްޓް ލޭޑީ
30 އޮކްޓޯބަރު 2025 - 10:01

އެއްވެސް އަންހެނަކީ އުރަމަތީގެ ކެންސަރުގެ ފަރުވާއާ އެކަނިމާއެކަނި ކުރިމަތިލާ މީހަކަށް ވާން ނުޖެހޭ ގޮތަށް، ރާއްޖޭގައި އުރަމަތީގެ ކެންސަރު ދުރާލާ ދެނެގަނެވޭނޭ އިންތިޒާމު ހަމަޖެހި، ރަނގަޅު ފެންވަރުގައި ބައްޔަށް ފަރުވާ ހޯދޭނޭ ފުރުޞަތު އެންމެހާ ރައްޔިތުންނަށް ފަހިވެފައި އޮތުން މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ ހަވަނަ "ބްރެސްޓް ކެންސަރ އެވެއަރނަސް ސިމްޕޯސިއަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation
ކެންސަރު ބަލި ތަހައްމަލުކުރާ ކޮންމެ މީހަކު ކުރަނީ ތަފާތު ތަޖުރިބާއެއްކަމަށާއި، އެ ބަލީގެ ވޭން ތަހައްމަލުކުރާ މީހުންނާއި އެމީހުންގެ ޢާއިލާތަކުން ދައްކާ ހިތްވަރާއި ވިލުންތެރިކަމުގެ ނަމޫނާއިން، އެހެންމީހުންނަށް ހިތްވަރުހޯދޭކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެ ވިލުންތެރިކަމާއި ހިތްވަރަކީ، ކެންސަރު ބައްޔަށް ފަރުވާދިނުމުގެ ދާއިރާ އިތުރަށް ކުރިއަރުވައި، ބަލި އަވަހަށް ދެނެގަތުމުގެ ޕްރޮޓޮކޯލްތައް ހަރުދަނާކޮށް، އެމީހުންނަށް ދޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް ބާރުދޭ ހަކަތަ ކަމުގައިވާކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާވަނީ، އޮންކޮލޮޖިސްޓުންނާއި ސަރޖިކަލް އޮންކޮލޮޖިސްޓުންގެ އިތުރުން ނަފްސާނީ ބަލިތަކާބެހޭ ފަންނީ ބޭފުޅުންނާއި، ޑައެޓީޝަނުންނާއި، ފިޒިއޮތެރަޕިސްޓުންނާއި، ޕެލިއެޓިވް ކެއަރ ޓީމުތައް ގުޅިގެން ކެންސަރ ޕޭޝަންޓުންނަށްދޭ ފަރުވާތަކުގެ ސަބަބުން ބަލިމީހުން ތަހައްމަލުކުރަން ޖެހޭ ވޭން ކުޑަކޮށްދިނުމުގައި އެހީއަކަށްވާކަން ފާހަގަކުރައްވާފައެވެ.
އެކަމަނާ ވަނީ ޚާއްޞަކޮށް 40 އަހަރުން މަތީގެ އަންހެން ކަނބަލުން އަދި ޢާންމުކޮށް ހުރިހާ އަންހެން ކަނބަލުންވެސް އަހަރަކު އެއްފަހަރު މެމޮގްރާމްއެއް ހައްދަވާ، ބަލީގެ ނިޝާންތަކަށް ސަމާލުވެތިއްބެވުމަށް އިލްތިމާސްކުރައްވާފައެވެ.
ޞިއްޙަތާ ބެހޭ ވުޒާރާ އާއި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ޓީމުތަކާއި، ޞިއްޙީ ފަރުވާދޭ އެކި މުއައްސަސާތަކުގައި ކެންސަރު ބަލީގެ ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ އަގުވަޒަންކުރައްވައި، އެބޭފުޅުންގެ އިސްނެންގެވުމާއި، މަސައްކަތަކަށް ބަހައްޓަވާ އިޚުލާޞްތެރިކަމަށް އެކަމަނާގެ ވާހަކަފުޅުގައި ޝުކުރުއަދާކުރެއްވިއެވެ. އަދި ޞިއްޙީ ފަރުވާދިމުނުގައި އަންނަ ކުރިއެރުންތަކަކީ، އެކަމުގެ އަސަރު ސީދާގޮތެއްގައި ވަކިވަކި ފަރުދުންނާއި ޢާއިލާތަކަށް އިހުސާސްކުރެވޭ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
"ބްރެސްޓް ކެންސަރ އެވެއަރނަސް ސިމްޕޯސިއަމް" އަކީ، ކެންސަރު ބަލީގެ ފަރުވާގެ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެޝަނަލުންނާއި، އެ ދާއިރާގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ބަލި ތަހައްމަލުކޮށްފައިވާ މީހުން އެއްފުރާޅެއްގެ ދަށުން ބައްދަލުވެ، ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ޝާމިލުގޮތުގައި ފަރުވާދިނުމާއި، ބަލިޖެހުމުގެ ހިރާސް ދެނެގަތުމުގެ އިސްތިރާޖުތަކާއި، ފަރުވާއާ ގުޅުންހުރި އެންމެ ފަހުގެ އީޖާދުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަންކަމަށް ބާރުއެޅުމަށް މަސައްކަތްކުރުމަށް ބާއްވާ މަހާސިންތާއެކެވެ.
މިއަހަރުގެ މަހާސިންތާގެ ޝިޢާރަކީ، "ކޮންމެ ބަލިމީހެއްގެ ދަތުރު ތަފާތު- ކޮންމެ ބަލިމީހެއްގެ ދަތުރު މުހިންމު" މިއެވެ.


