މައިން ގޭގައި ކުރާ މަސައްކަތްތަކުން ދަރިން އެކަމަށް ޝައުޤުވެރިކަން އުފެދި، އެ ދާއިރާއަކުން ހުނަރުވެރި ބަޔަކަށް ވުމުގެ ފުރުޞަތު ލިބޭ: މެޑަމް ސާޖިދާ
24 ނޮވެމްބަރު 2025 - 09:10
ގޭތެރޭގައި މަންމަ ކުރަމުން އަންނަ މަސައްކަތެއްގެ ތެރެއިން ދަރިންގެ ކިބައިގައި އެކަމުގެ އާދައާއި ޝައުޤު އިތުރުވެ، ގުޅުންހުރި ދާއިރާއަކުން ހުނަރުވެރިޔަކަށް ވުމުގެ ފުރުޞަތު ފަހިވެގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ސްޓެލްކޯއިން އަންހެނުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ ''ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން'' ގެ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation
އަންހެނުންނަށް ޚާއްޞަކުރެވުނު މި ކޯހުގެ މައިގަނޑު މަޤުޞަދަކީ ގޭތެރޭގައި ހައްލުކުރަން ޖެހޭ ކަރަންޓުގެ މައްސަލަތައް އަމިއްލައަށް ހައްލުކުރެވޭނެ މަގުފަހިކޮށްދިނުމެވެ. މިކަމަށް އިޝާރާތްކުރައްވައި މެޑަމް ސާޖިދާ ވިދާޅުވީ އިޖުތިމާޢީ އަދި ރަސްމީ ޚިދުމަތުގެ އިތުރަށް އަންހެނުންނަކީ ގޭތެރޭގެ ވަރަށް ބޮޑު، ވަރަށް ބުރަ ޒިންމާތަކެއް އުފުލާބައެއް ކަމަށެވެ. އެހެންކަމުން އަންހެނުންނަށް މިފަދަ ހުނަރުތައް ދަސްކޮށްދިނުމުން ގިނަގުނަ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގެ ޔަޤީންކަން އެކަމަނާ ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވި ގޮތުގައި، މިއީ އަސާސީ ފެންވަރުގެ ކޯހެއް ނަމަވެސް، އަންހެނުންނަށް ޢިލްމާއި، ހުނަރާއި ތަމްރީން މިކޯހުން ލިބިގެންދާތީ މިއީ ވަރަށްބޮޑު ހެޔޮބަދަލެއްގެ ފެށުމެކެވެ. ގޭތެރެއިން މަންމަ އަބަދުކުރަމުން އަންނަ މަސައްކަތެއް ގޭތެރެއިން ދިރިގެން އައުމަކީ ވަރަށް ގިނައިން ވާކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މި ކޯހުގެ ސަބަބުން މުޖުތަމަޢަށާއި އަންހެނުންގެ ހުނަރާއި ކެރުމާއި އުފެއްދުންތެރިކަމަށް ކުރިއެރުންތަކެއް އަންނާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާގެ ވާހަކަފުޅުގައި، ކޮންމެ ދާއިރާއެއްގެ ޚިދުމަތެއްގައިވެސް އެ ދާއިރާއަކާބެހޭ ގޮތުން ފަށާފެންވަރުގެ މަޢުލޫމާތު ކޮންމެ މީހަކަށް ލިބިފައިވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މި ކޯހުގެ ބައިވެރިންނަށް ގޭތެރޭގައި ކަރަންޓް ބޭނުންކުރުމުގައި ރައްކާތެރިކަމާއި، ޚަރަދުކުޑަކުރާނެގޮތުގެ އިތުރުން އެކަށޭނަ ގޮތުގައި ކަރަންޓު ބޭނުންކުރުމުގެ މަޢުލޫމާތު ވަނީ އުނގަންނައިދެއްވާފައެވެ.
ސްޓެލްކޯއިން 7 ބުރަކަށް ބަހާލައިގެން ހިންގި ''ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން'' ޖުމުލަ 116 ބައިވެރިން ވަނީ ފުރިހަމަކޮށްފައެވެ. މިއަދުގެ ރަސްމިއްޔާތުގައި ކޯސް ފުރިހަމަކުރި 81 ބައިވެރިޔަކަށް ސެޓްފިކެޓް ޙަވާލުކުރިއިރު، މީގެ ތެރެއިން 30 ބައިވެރިއަކަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.


