މިއަހަރުގެ ރިވެލި އެވޯޑު 8 ފަރާތަކަށް، އެވޯޑު ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާ
8 ނޮވެމްބަރު 2026 - 17:05

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި އެފަދަ ފަރާތްތަކުގެ ޙައްޤުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ މިއަހަރުގެ "ރިވެލި އެވޯޑު" 8 ފަރާތަކަށް ދީފިއެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެ ފަރާތްތަކަށް އެވޯޑު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
.png&w=750&q=75)
Ad by Hajj Corporation
މިއަހަރު މި އެވޯޑު ޙާޞިލުކުރި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ނުކުޅެދުންތެރިކަން ހުންނަ 4 ފަރާތަކާއި، އެފަދަ ފަރާތްތަކުގެ ޙައްޤުގައި މަސައްކަތްކުރާ 4 ފަރާތެކެވެ. އެވޯޑަށް ހުޅުވާލި ފުރުޞަތުގައި ޖުމްލަ 25 ފަރާތަކުން ނަން ހުށަހަޅާފައިވެއެވެ.
މިއަހަރު ރިވެލި އެވޯޑު ޙާޞިލުކުރި ފަރާތްތަކަކީ:
ޢަލީ ސަމީމް، ހދ. ކުރިނބި / ރިހިވެލި (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)
މުޙައްމަދު ނާހިލް ސަލާމް، ސ. މަރަދޫ / އަސްރުމާގެ (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)
ޢާއިޝަތު ޝަފީޤު، ހ. ޝަފީޤުގެ (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)
ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދު، ށ. ބިލެތްފަހި / ހަވީރީނާޒް (އެކި ގޮތްގޮތުން ދިވެހިރާއްޖެއަށް ރީތި ނަމާއި ކާމިޔާބީތައް ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)
އަމީނިއްޔާ ސްކޫލް (ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާ)
ފާޠިމަތު މުޙައްމަދު، ހދ. ކުޅުދުއްފުށި / އަލްފާ (ފަންނީ އަދި ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ)
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ) (ނުކުޅެދުންތެރިކަން ހުންނަ މީހުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދާއިރާ)
ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވާ ކުންފުނިތަކުގެ ދާއިރާ)
މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބެޗެލަރ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ ފުރަތަމަ ފަހަރަށް އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ފުރިހަމަކޮށްފައިވާތީ، އެކަން ފާހަގަކޮށް ށ. ކޮމަންޑޫ، އެންދެރިމާގޭ އިސްމާޢީލް ރާޙިލަށް ޚާއްޞަ ރެކޮގްނިޝަން ޓޯކަންއެއް ވަނީ އަރުވާފައެވެ. މި ޓޯކަން ޙަވާލުކޮށްދެއްވީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ.
ޞިއްޙަތާ އާއިލާއާ އިޖުތިމާއީ އެހީތެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން، ސަރުކާރުގެ "އޯގާތެރި މުޖުތަމަޢު" ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ މުހިންމު ޤައުމީ ހަރަކާތެކެވެ. އަދި މިފަދަ އެވޯޑެއް ދިނުމުގެ މައިގަނޑު މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީވެސް މުޖުތަމަޢުގައި ތިބި ޤާބިލު ބައެއްކަން ހާމަކޮށްދީ ބާރުވެރިކުރުވުމާއި، އެފަރާތްތަކަށް އެހީތެރިވާ ފަރާތްތަކުގެ ޚިދުމަތް ފާހަގަކޮށް ހިތްވަރު ދިނުމެވެ. މީގެ ސަބަބުން މުޖުތަމަޢުގައި ހުރި ތަފާތުކުރުންތައް ކުޑަވެ، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
2012 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ރިވެލި އެވޯޑު މިހާތަނަށް 67 ފަރާތަކުން ވަނީ ޙާޞިލުކޮށްފައެވެ.

-01.jpg&w=3840&q=75)
