ޙައްޖު ކޯޕަރޭޝަނުގެ ފަރާތުން ނޮވެމްބަރު ޢުމްރާއަށްދާ ފަރާތްތައް ފުރަން ފަށައިފި
31 އޮކްޓޯބަރު 2025 - 12:08

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ ފަރާތުން ނޮވެމްބަރު މަހު ޢުމްރާއަށްދާ ފަރާތްތައް، މައްކާއަށް ފުރަން ފަށައިފިއެވެ.
ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައި ޢުމްރާއަށްދާ ފަރާތްތައް ފުރަން ފަށާފައިވާއިރު، ރޭ ވަނީ މިފަރާތްތަކަށް ޢުމްރާގެ އަޅުކަމާގުޅޭގޮތުންނާއި ސަޢުދީގައި އުޅޭއިރު ސަމާލުކަން ދޭންވީ މުހިންމު ކަންކަމުގެ މައުލޫމާތު ހިއްސާކުރުމުގެ ސެޝަނެއް ބާއްވާފައެވެ.

Ad by Hajj Corporation
ދީނީ ގޮތުންނާއި ޞިއްޙީގޮތުން އަދި އެހެނިހެންވެސް ގޮތްގޮތުން ޢުމްރާވެރީން ސަމާލުކަން ދޭންވީ މުހިންމު ކަންކަމުގެ މައުލޫމާތު މި ސެޝަނުގައި ހިއްސާކޮށްފައެވެ.
މި ސެޝަނުގައި ޢުމްރާވެރިންނާ މުޚާޠަބުކުރައްވާ ވާހަކަދައްކަވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވަނީ މީގެ ކުރީގެ ޙައްޖު ދަތުރުތަކުގައި ދިމާވެފައިހުރި ބައެއް ހިތާމަވެރި ކަންކަން ހިއްސާކުރައްވާ، އެކަންކަން ތަކުރާރު ނުކުރަން ނަޞޭޙަތްތެރިވެވަޑައިގެންފައެވެ.

ވަކީން ޚާއްޞަކޮށް، ބޮޑު ހޭދައެއް ކުރެއްވުމަށްފަހު އަޅުކަންކުރުމަށް ﷲ ތަޢާލާގެ ގެފުޅަށް ޒިޔާރަތްކުރުމުގައިވެސް އެކި ގޮތްގޮތުން ފިތުނަ އުފެއްދުމަށް މަސައްކަތް ކޮށްފައިވާކަން ފާހަގަކުރައްވާ، އެފަދަ ކަންކަމުން ދުރުހެލިވުމަށް ތަކުރާރުކޮށް ނަޞޭޙަތްތެރިވެލެއްވިއެވެ. މީގެ އިތުރުންވެސް، ސަޢުދީގެ ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، ޢުމްރާވެރީންގެ ސަލާ،ަތާއި ރައްކާތެރިކަމަށްޓަކައި، ޙައްޖު ކޯޕަރޭޝަނުން ދީފައިވާ ޓެގު ހިއްޕަވައިގެން ނޫނީ ބޭރަށް ނިކުމެވަޑައިނުގަތުމަށް ޝަކީލް އިލްތިމާސްކުރެއްވިއެވެ.
ޢުމްރާގެ އަޅުކަން އަދާކުރުމުގެ އިތުރުން، ޙައްޖު ކޯޕަރޭޝަނުން ވަނީ ޢުމްރާވެރީން ގޮވައިގެން ތަފާތު މުހިންމު ތަންތަނަށް ޒިޔާރަތްކުރަން ރާވާފައެވެ. އެގޮތުން މައްކާގެ މުހިންމު ތަންތަނާއި ފަރުބަދަތައް، މަދީނާ އަދި ޠާއިފް ދަތުރު ފާހަގަކޮށްލެވެއެވެ. މިތަންތަނަށް ޒިޔާރަތްކުރުމުގައިވެސް ޚާއްޞަކޮށް ޞިއްޙީގޮތުން އެހީތެރިކަމެއް ބޭނުންވާ ފަރާތެއް ވާނަމަ ކޯޕަރޭޝަނުގެ ފަރާތުންދާ އެހީތެރިންގެ ސަމާލުކަމަށް އެކަން ގެނައުމަށް، ކޯޕަރޭޝަނުގެ އެމްޑީ އިލްތިމާސްކުރެއްވިއެވެ.
ޙައްޖު ކޯޕަރޭޝަންގެ ފުރަތަމަ ބެޗު ފުރާފައިވާ ވަނީ މިއަދު މެންދުރެވެ. އަދި ދެވަނަ ބެޗުގެ ފުރުން، މާދަން ފަތިހު އޮންނާނެއެވެ.


