ޖެނެރޭޝަން ބޭންއަކީ ބައިނަލްއަގުމާވީ ފެންވަރުގައި ލިބުނު ކާމިޔާބީއެއް: މިނިސްޓަރ ހަލީލް
1 ނޮވެމްބަރު 2025 - 12:44

ދެހާސް ހަތްވަނަ އަހަރުން ފެށިގެން ދުނިޔެއަށް އުފަންވާ އެންމެންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށް މިއަދު އަމަލުކުރަން ފެށި ޖެނެރޭޝަން ބޭން ގާނޫނަކީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެއަށް ލިބުނު ކާމިޔާބެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ހަލީލު މިފަދައިން ވިދާޅުވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ ދިވެހި ސަރުކާރުން އާންމު ސިއްހަތު ރައްކާތެރިކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާކަން މިކަމުން ހާމަވާ ކަމަށާއި، މި އެޅިގެންދިޔަ ފިޔަވަޅަކީ އާންމު ސިއްހަތު ރައްކާތެރިކޮށް، އެންމެނަށް ދުޅަހެޔޮ، ދުންފަތުގެ އިސްތިއުމާލު ނުކުރާ މުސްތަގުބަލެއްގެ ބިންގާ އެޅުން ދައްކުވައިދޭ ފިޔަވަޅެއްކަމަށްށެވެ.

Ad by Hajj Corporation
މީގެއިތުުރުން މި މުހިންމު ފިޔަވަޅަކީ ގައުމީ އަދި ދުނިޔޭގެ ފެންވަރުގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތަކުގައި ތާރީހީ މައިލްސްޓޯނެއް ކަމުގައި ވެސް މިނިސްޓަރުގެ ޕޯސްޓުގައި ފާހަގަ ކޮށްފައިވެއެވެ.
މި އިޞްލާޙުގެ ދަށުން، ދުންފަތުގެ ބާވަތެއް ނުވަތަ އުފެއްދުމެއް ގަންނަ ކޮންމެ މީހަކީ އެ އުމުރުފުރާގެ މީހެއް ނޫންކަން ކަށަވަރުކުރުމަށްޓަކައި އެމީހުންގެ އައިޑީކާޑު ނުވަތަ އުމުރު އަންގައިދޭ އެނޫންވެސް ރަސްމީ ލިޔުމެއް ދައްކަން އަންގަން ޖެހޭނެ ކަމަށް ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުގެ ޒިންމާތަކުގެ ގޮތުގައި ހިމަނާފައިވެ އެވެ.
އަދި މި ގާނޫނުގެ މަޤްސަދަކީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ނުރައްކާތަކުން ޒުވާން ޖީލުތައް ސަލާމަތްކޮށް، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދު ދަށް ކުރުމަށް މަގުފަހިކުރުމެވެ. މިކަމުގެ ސަބަބުން ދިގު ރާސްތާގައި ރާއްޖޭގެ އާންމު ސިއްހީ ހާލަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.


