އިސްރާއީލުން އަނެއްކާވެސް ލުބްނާންގެ ޢާންމު ރައްޔިތުން ތަކަކަށް ޙަމަލާދީފި
7 ނޮވެމްބަރު 2025 - 04:32

ޙިޒްބުﷲ އިން ދެކުނު ލުބްނާނުގައި އެ ޖަމާޢަތުގެ އޮޕްރޭޝަންތައް އަލުން ފަށައިގަތުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ކަމަށް ބުނެ، އެ ސަރަހައްދުގައި ދިރުއުޅެމުންދާ ޢާންމު ރައްޔިތުން ތަކަކަށް އިސްރާއީލުން ޙަމަލާދީފިއެވެ.
އިސްރާއީލުން ބުނެފައިވަނީ މި ހަމަލާތަކަކީ ޙިޒްބުﷲ ގެ ރަދްވާން ޖަމާޢަތަށް އަމާޒުކޮށްގެން ދީފައިވާ ޙަމަލާތަކެއް ކަމަށެވެ. ނަމަވެސް، ލުބްނާންގެ ރައީސް ޖޯސެފް އައޮން ވަނީ އެ ޙަމަލާތަކަކީ ޢާންމު ރައްޔިތުންތަކެއް ދިރިއުޅެމުންދިޔަ ސަރަޙައްދަކަށް، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނާ ޚިލާފަށް ދީފައިވާ ޙަމަލާތަކެއް ކަމަށް ވިދާޅުވެ، އެ ޙަމަލާތަކުގެ ސަބަބުން އެތައް ޢާއިލާއެއްގެ ގެދޮރު ގެއްލިފައިވާ ކަމަށް ވިދާޅުވެފައެވެ. އައޮން ވަނީ މި ޙަމަލާތަކަކީ ރާވައިގެން ހިންގި ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

Ad by Hajj Corporation
ލުބްނާންގައި މަސައްކަތްކުރާ އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާގެ އިންޓެރިމް ފޯސް އިން، ޙިޒްބުﷲ ގެ އޮޕަރޭޝަންތައް ކުރިއަށްދާ ސަރަހައްދުތަކަށް ޙަމަލާތަކެއް ދީފައިވާކަން ފާހަގަކޮށް، އެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން އެ ސަރަހައްދުތައް ދޫކޮށް ދިއުމަށް، އިއްޔެގެ ވަގުތެއްގައި އަންގާފައި ވެއެވެ.
އދ ގެ އިންޓެރިމް ފޯސް އިން ވަނީ އިސްރާއީލުން ދީފައިވާ ޙަމަލާތަކަކީ ސެކިއުރިޓީ ކައުންސިލް ރިސޮލިއުޝަން 1701 އާ ޚިލާފަށް ދީފައިވާ ޙަމަލާތަކެއް ކަމަށް ބުނެ، ޙަމަލާތައް ވަގުތުން ހުއްޓާލަން އަންގާފައެވެ. މި ރިސޮލިއުޝަނަކީ 2006 ވަނަ އަހަރު އިސްރާއީލާއި ލުބްނާންއާ ދެމެދު ހިނގި 34 ދުވަހުގެ ހަނގުރާމަ ހުއްޓާލުމަށާއި އިސްރާއީލާއި ޙިޒްބުﷲ އާ ދެމެދު ހިނގައިދިޔަ ހަމަނުޖެހުމަށް ދާއިމީ ނިމުމެއް ގެނައުމަށް އެކުލަވާލި ރިސޮލުޝަނެއްކަން ފާހަގަކުރެވެއެވެ.
7 އޮކްޓޯބަރު 2023 ގައި ޙަމާސްއިން އިސްރާއީލަށް ދިން ޙަމަލާތަކަށް ވާގިދީ، ޙިޒްބުﷲ އިން ވެސް އިސްރާއީލަށް ޙަމަލާތަކެއް ދިނުމުން ދެޤައުމުގެ މެދުގައި ޙަމަލާތައް ވަރުގަދަވިއެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު، އިސްރާއީލުން ލުބްނާންގެ ދެކުނު ސަރަޙައްދުގައި ގްރައުންޑް އޮޕަރޭޝަންތަކެއް ހިންގާފައިވެއެވެ.
މި ޙަމަލާތައް ހުއްޓިގެންދިޔައީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެކުލަވާލެވުނު ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކާއެކުއެވެ. މި އެއްބަސްވުމުގެ ދަށުން، އިސްރާއީލުން ލުބްނާންގައި ހިންގަމުންދިޔަ އޮޕަރޭޝަންތައް ހުއްޓާލުމާއެކު، ޙިޒްބުﷲ އިން އެމީހުންގެ ބަރު ހަތިޔާރުތައް ލިޓާނީ ކޯރުގެ އުތުރު އައްސޭރިއަށް ގެންދަން މަޖުބޫރިކުރުވިއެވެ. ނަމަވެސް. ޙިޒްބުﷲ އިން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށްބުނެ އިސްރާއީލުން އެއަށްފަހުވެސް ލުބްނާންއަށް އެތައް ޙަމަލާއެއް ދީފައިވެއެވެ.


