ލުބުނާނުގެ ދެކުނުގައި ހަނގުރާމަ ވަރުގަދަވެއްޖެ
20 ޖޫން 2026 - 14:06

ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކުގައި ހިނގަމުންދާ ކުރިމަތިލުންތައް އިންތިހާއަށް ވަރުގަދަވެ، މުޅި ސަރަހައްދު ހަނގުރާމައިގެ ނުރައްކާތެރި ހުޅުގަނޑެއްގެ ތެރެއަށް ވެއްޓިއްޖެއެވެ.
މި ހަމަލާތައް ވަރުގަދަވެގެން ދިޔައީ، ލުބުނާނަށް ދެމުންދާ އުދުވާނީ ހަމަލާތައް ހުއްޓާލުމަށް އީރާނާއި އެމެރިކާއާ ދެމެދު އެކުލަވާލި ފަހުމުނާމާ (އެމްއޯޔޫ) އަށް އިސްރާއީލުން ފާޅުގައި އިންކާރުކޮށް، ލުބުނާނުގެ އިތުރު ބިންތަކެއް ހިފުމަށް އެ ގައުމުގެ ސިފައިން ކުރިއަށް ޖެހެން ފެށުމާ ގުޅިގެންނެވެ.

Ad by Hajj Corporation
އިސްރާއީލު ސިފައިން މިހާރު މަސައްކަތް ކުރަމުންދަނީ ތިން ދިމާއަކުން ލުބުނާނުގެ ދެކުނުގެ އަވަށްތަކަށް ވަދެގަތުމަށެވެ. މީގެ ތެރޭގައި ހިމެނެނީ ކްފަރް ތިބްނީތު އަދި އަލީ އައްތާހިރު އުސްބިންތަކެވެ.
ނަމަވެސް، ހިޒްބުﷲގެ މުޖާހިދުން ވަނީ ދުޝްމަނުންގެ މި ރޭވުންތައް ނާކާމިޔާބުކޮށްލުމަށްޓަކައި ވަރުގަދަ ރައްދު ހަމަލާތަކެއް ދީފައެވެ. ޚަބަރުތައް ބުނާގޮތުން، ހިޒްބުﷲއިން ދަނީ ގައިޑެޑް މިސައިލާއި، ޒަމާނީ ޑްރޯން އަދި ރޮކެޓް ބޭނުންކޮށްގެން ދުޝްމަނުން އެއްވެފައި ތިބި މަރުކަޒުތަކަށާއި އެމީހުންގެ އަސްކަރީ އުޅަނދުތަކަށް ފުލުފުލުން ހަމަލާދެމުންނެވެ.
މި ކުރިމަތިލުންތަކުގައި އިސްރާއީލް ސިފައިން ބޭނުންކުރި އެތައް މަރްކަވާ ޓޭންކެއް ހިޒްބުﷲއިން ވަނީ ގޮއްވާލާފައެވެ. މި ހަމަލާތަކުގައި ދުޝްމަނުންގެ ގިނަ އަދަދެއްގެ ސިފައިން މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޒަޚަމްވި މީހުން އުފުލުމަށް އެ ސަރަހައްދަށް ދިޔަ އިސްރާއީލް ސިފައިންގެ ހެލިކޮޕްޓަރުތަކަށް ވެސް ހިޒްބުﷲއިން ވަނީ ހުރަސްއަޅައި، ވަރުގަދަ ރޮކެޓް ހަމަލާތަކެއް އަމާޒުކޮށްފައެވެ.
އިސްރާއީލުގެ މީޑިއާތަކުން ވެސް ވަނީ އެ ސަރަހައްދުގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ކަމަށް އެއްބަސްވެފައެވެ.
އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި އެމްއޯޔޫގައި ލުބުނާނަށް ދޭ ހަމަލާތައް ހުއްޓާލުމަށް ބާރުއަޅާފައިވީ ނަމަވެސް، އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފާޅުގައި ގޮންޖަހައި، ނަތަންޔާހޫ އޭނާގެ ސިފައިންނަށް އަމުރުކުރަމުން ދަނީ ލުބުނާނުގެ އިތުރު ބިންތައް ހިފުމަށެވެ. މީގެ އިތުރުން، ތިބްނީތާއި އަލީ އައްތާހިރު އުސްބިންތައް ހިފިފައިވާ ކަމަށް ބުނެ އިސްތިއުމާރީ ސިފައިން ފަތުރަމުންދާ ވާހަކަތައް ލުބުނާނުގެ ރަސްމީ ފަރާތްތަކުން ވަނީ ދޮގުކޮށްފައެވެ.
މިހާރުގެ ހާލަތަށް ބަލާއިރު، ހިޒްބުﷲގެ މުޖާހިދުން ދަނީ ސާބިތުކަމާއެކު ދުޝްމަނުންނަށް ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ. އަދި މި ހަނގުރާމައިގެ ސަބަބުން މުޅި ސަރަހައްދުގެ މަސްރަހު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.


