ކަށި މިޔަރުގެ މަސްވެރިކަމުގެ ލައިސެންސް ލިބޭނީ ފުރަތަމަ ހުށަހަޅާ 40 ދޯންޏަށް
8 ނޮވެމްބަރު 2025 - 05:52

ކަށި މިޔަރުގެ މަސްވެރިކަމުގެ ލައިސެންސް ލިބޭނީ ފުރަތަމަ ހުށަހަޅާ 40 ދޯންޏަށް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ކަށި މިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ 1 ނޮވެމްބަރ އިން ފެށިގެން ސަރުކާރުން ވަނީ ދީފައެވެ. އެގޮތުން ކަށި މިޔަރުގެ މަސްވެރިކަން ކުރެވޭނެ ޤަވައިދުތަކާއި އުސޫލުތައް މަސްވެރިކަމާއި ކަނޑުގެ ވަސީލައްތަކާ ބެހޭ ވުޒާރާއިން ވަނީ އާންމުކޮށްފައެވެ. މި ޤަވައިދުގައި މުހިންމު ގިނަ ނުކުތާތަކެއް ވަނީ ހިމަނާފައެވެ.
އެގޮތުން ކަށިމިޔަރުގެ މަސްވެރިކަމުގައި އަދި ކަށިމިޔަރުގެ މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން އެކަން ކުރަންވާނީ، އެ ވުޒާރާއިން ދޫކުރާ ލައިސަންސްއެއްގެ ދަށުން ކަމަށް އެ ވުޒާރާގެ ފިޝަރީސް ކޮމްޕްލެއިންސް ސެކްޝަންގެ ޑިރެކްޓަރ މަލީހާ ހަލީމް ވަނީ ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުން ވިދާޅުވެފައެވެ. އޭގެ ތެރޭގައި ކަށިމިޔަރުގެ މަސްވެރިކަންކުރާ އުޅަނދުފަހަރާއި، ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ތަންތަނާއި، ކަށިމިޔަރު ސަޕްލައިކުރުމުގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނެއެވެ.

Ad by Hajj Corporation
އަދި އާންމު ކޮށްފައިވާ ގަވާއިދުގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކުރެވޭނީ، ގިނަވެގެން ޖުމްލަ 40 އުޅަނދަށް ކަމަށާއި އެއީ ކެޔޮޅު ޕޯޓަލްތެރެއިން އެންމެ ފުރަތަމަ މައުލޫމާތު ހުށައަޅާ ދޯނިތަކަށްކަމަށް ވެސް މަލީހާ ވިދާޅުވިއެވެ. މީގެ އިތުރުން ކަށި މިޔަރުގެ މަސްވެރިކަމުގައި ބާނާ ކަށި މިޔަރު ކިރުމަށްޓަކައި ހދ. ކުޅުދުއްފުށި ސީޓީ ބަނދަރު، ށ. ފުނަދޫ، ރ. މަޑުއްވަރީ އަދި އއ. ހިމަންދޫ ބަނދަރު ވަނީ ކަނޑައަޅާފައެވެ.
ދޫކުރެވޭ ލައިސަންސްތަކީ ވަރަށް މުހިންމު އެއްޗެއްކަަމުން، މަސްވެރިކަން މެނޭޖްކޮށް މަހުގެ އާބާދީ ދެމެހެއްޓެނިވިގޮތެއްގައި ބެލެހެއްޓުމަަށް ލައިސަންސް މެކޭނިޒަމް އަކީ ވަރަށް މުހިންމު އެއްޗެއްކަމުގައި މަލީހާ ވަނީ ފާހަގަކޮށްފައެވެ.


