"މުޖުތަމައު ރައްކާތެރިވެ ތިބުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގައި މި ސަރުކާރުން ދަނީ ނަމޫނާ ދައްކަމުން"
9 ނޮވެމްބަރު 2025 - 05:20

ބަލިވީމަ ބޭސްކުރުމަށް އިސްކަންދޭ ފަދައިން ނުވަތަ އެއަށްވުރެ ބޮޑަށް ބަލިވުމުން، މުޖުތަމައު ރައްކާތެރިވެ ތިބުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ނިންމެވުންތަކާއެކު މި ސަރުކާރުން ނަމޫނާ ދައްކަމުންދާކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނާޒިމް މިހެން ވިދާޅުވީ، "ދުޅަހެޔޮ ދިރިއުޅުން، އުފާވެރި މުޖުތަމަޢު" ކެމްޕެއިން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation
ނާޒިމް އިތުރަށް ވިދާޅުވީ،ސަރުކާރުގެ ސިއްހީ ސިޔާސަތުތައް ބައްޓަން ކުރުމުގައި އެންމެ އިސްކަމެއް ދެނީ ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް ކަމަށެވެ. އަދި ސަރުކާރުން އިސްކަންދެނީ ބަލިވުމުގެ ކުރިން ބަލިތަކުން ރައްކާތެރިވެ ތިބުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަމަށް ކަންވެސް ނާޒިމް ފާހަގަކުރެއްވިއެވެ.
އަދި ރާއްޖޭގެ އިތުރުން މުޅި ދުނިޔެވެސް ހެކިވާނެ ފަދައިން ދިވެހިރާއްޖެ މިއަދު މިވަނީ މިކަމުގައި ނަމޫނާ ދައްކާފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މީގެއިތުރުން ދިވެހި ރައްޔިތުންގެ ސިއްޙަތާއި ގުޅޭ ކަންކަމުގައި ޚާއްސަކޮށް ބަލިތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ސަރުކާރުން ވަރަށް މުހިންމު ނިންމުންތަކެއް ނިންމާފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ރައީސް އެ ގެންދަވަނީ، އެންމެ އިސް ލީޑަރެއްގެ ހައިސިއްޔަތުން ގައުމުގެ ވަލީއުލް އަމްރުގެ ހައިސިއްޔަތުން މިކަމުގައި ވަރަށް ސާބިތުކަމާއިއެކު ވިސްނުންތެރިކަމާއިއެކު ނަމޫނާ ދައްކަވަމުންނޭ. ޤާނޫނީގޮތުން ނަންގަވަންޖެހޭ ފިޔަވަޅުތައް ނަންގަވަމުން މުޖުތަމަޢުގެ ބައިވެރިވުން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުން." ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް


