އިސްރާއީލާ ގުޅުންހުރި ސުވާލެއްކުރި އިޓަލީ ނޫސްވެރިއެއްގެ ވަޒީފާ ގެއްލިއްޖެ
10 ނޮވެމްބަރު 2025 - 04:32

ޔޫރަޕިއަން ކޮމިޝަންގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްރާއީލާ ގުޅުންހުރި އިޓަލީގެ ނޫސްވެރިއެއްގެ ވަޒީފާ ގެއްލިއްޖެއެވެ.
މިކަމުގައި ވަޒީފާއިން ވަކިކޮށްފައި ވަނީ އިޓަލީގެ "އެޖެންޒިއާ ނޮވާ" ގެ ނޫސްވެރިޔާ، ގެބްރިއެލޭ ނުންޒިއާޓީ އެވެ.

Ad by Hajj Corporation
މިދިޔަ މަހުގެ 13 ވަނަ ދުވަހު، ކޮމިޝަންގެ ޗީފް ސްޕޯކްސްޕަރސަން ޕައުލާ ޕިންހޯ އަށް އަމާޒުކޮށް ގެބްރިއެލޭ ކުރި ސުވާލަކީ، " (ރަޝިއާ ހަނގުރާމައަށްފަހު) ޔޫކްރެއިން އަލުން އާރާސްތުކުރުމަށް ރަޝިއާއިން އެހީވާން ޖެހޭނެކަމަށް ތަކުރާރުކޮށް ކަމަނާ ވިދާޅުވަމުން އެބަ ގެންދަވާ. އެހެންކަމަށް ވާނަމަ، އިސްރާއީލުން ޣައްޒާ އާއި ޣައްޒާގެ ސިވިލް އިންފްރާސްޓްރަކްޗަރގެ ބޮޑު ބައެއް ސުންނާފަތި ކޮށްލާފަ ވާއިރު، ޣައްޒާ އަލުން އާރާސްތުކުރުމަށް އިސްރާއީލުން އެހީވާން ޖެހޭނެކަމަށް ގަބޫލުކުރައްވަންތޯ؟" މިއެވެ.
މީސްމީޑިއާގައި ގެބްރިއެލޭ ކުރި ޕޯސްޓެއްގައި ވަނީ މު ސުވާލާ ގުޅިގެން އޭނާ ވަޒީފާއިން ވަކިކުރުމުގެ ނޯޓިސް ފޮނުވާފައި ވާކަން ކަށަވަރުކޮށްދީފައެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ، އޭނާ މަސައްކަތްކުރި "އެޖެންޒިއާ ނޮވާ" އިން "ފޭންޕޭޖް" އަށް ފޮނުވި ނޯޓެއްގައި ބުނެފައިވާ ގޮތުން ގެބްރިއެލޭ ކުރި ސުވާލު ގޯސްކަމަށާއި އެ ސުވާލުކޮށްފައިވަނީ އެއްވެސް ހަރުދަނާ އަސާސެއް ނެތި، ހަމައެކަނި ހީތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
ގެބްރިއެލޭ އިތުރަށް ބުނެފައިވަނީ އޭނާގެ ސުވާލަކީ ވަކި ކޮޅަކަށް ބުރަވެގެން ކުރި ސުވާލެއް ކަމަށް ބެލެވޭނީ ހަގީގަތަށް އިންކާރުކުރަން ބޭނުންނަމަ އެކަނި ކަމަށެވެ. އެހެނީ، އިސްރާއީލުން، ޣައްޒާ އެއްކޮށްހެން ބިމާހަމަ ކޮށްފައިވާ ކަމީ ދެކޮޅުނެހެދޭނެ ހަގީގަތެއް ކަމަށާއި އެއީ އެކަމެއްގެ މައްޗަށް ބިނާކޮށް، އިންސާނިއްޔަތާ ޚިލާފު ޖަރީމާ ހިންގާފައިވާ ކަމަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ނިޔާ އިއްވާ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ އިތުރުން އޭނާގެ ބައެއް ވަޒީރުންނާ ދެކޮޅަށް ހައްޔަރުކުރުމުގެ ޙުކުމެއް ކޮށްފައިވާ ކަމެއް ކަމަށް އޭނާގެ ޕޯސްޓުގައި ބުނެފައި ވެއެވެ.
އެހެންކަމުން ހަގީގަތުގަ ވަކިކޮޅަކަށް ޖެހުނު ކަމަށް ވާނީ އެކަމާމެދު ސުވާލުކުރުމުގެ ބަދަލުގައި އެކަމަށް ފުރަގަސްދިނުން ކަމަށް ގެބްރިއެލޭ ބުނެފައިވެއެވެ. އޭނާ ވަނީ އެއީ ކުރަންޖެހޭ ސުވާލެއް ކަމަށް އަދިވެސް ގަބޫލުކުރާ ކަމަށް ބުނެފައެވެ. އަދި ބައެއް ފަހަރު ރަނގަޅުގޮތް އިޚްތިޔާރުކުރުމުގެ އަގު އަދާކުރަންޖެހޭ ކަމަށާއި އޭނާވެސް އެކަމުގެ އަގުއަދާކުރަން ޖެހުނު ނަމަވެސް އެކަމާ ދެރަނުވާކަމަށް ގެބްރިއެލޭގެ ޕޯސްޓުގައި ބުނެފައިވެއެވެ.
"އެޖެންޒިއާ ނޮވާ" އިން ގެބްރިއެލޭ ވަކިކުރާނެ ތާރީޚެއް ކަމަށް އޭނާއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ 1 ޑިސެމްބަރު 2025 އެވެ.


