logo
E-Platinum
ވިޔަފާރި

ޓޫރިސްޓުންގެ ބޮލަކަށް ޑޮލަރު ނަގަން ނިންމުމާއެކު، މާރުކުރާ ވަރަށް ޑޮލަރެއް ނުލިބޭ ކަމުގެ ކަންބޮޑުވުން

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
2 އޮކްޓޯބަރު 2024 - 08:26
މާފުށީގައި ފަތުރުވެރިންތަކެއް -- ފޮޓޯ/ އަވަސް
މާފުށީގައި ފަތުރުވެރިންތަކެއް -- ފޮޓޯ/ އަވަސް

ރޭ، މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ކަނޑައެޅި އައު ގަވާއިދުގެ ދަށުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ބޮލަކަށް، ބޭންކުތަކުން ޑޮލަރު މާރުކުރުން ވަނީ ލާޒިމްކޮށްފައެވެ. އެ ބީދާއީން ޢަމަލުނުކޮށްފިނަމަ، ޖޫރިމަނާއެއް ވެސް އެ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވެއެވެ.

އެ ގަވާއިދުގައި ބުނީ، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ކޮންމެ މަހެއްގެ ތެރޭގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން އެމަހެއްގައި އައިސްފައިވާ ޖުމުލަ ފަތުރުވެރިންނަށް ޖެހޭ އަދަދު އެ މަހަށްފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަށް މާރުކުރަން ޖެހޭ ކަމަށެވެ. އަދި ހަމަ އެހެންމެ، ޓޫރިސްޓު ގެސްޓްހައުސް ތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތންތަނުން ދައްކަންޖެހޭނީ 25 ޑޮލަރެވެ.

އެ ނިންމުންތަކާއެކު، އެ ސިނާއަތުގައި ޝާމިލުވާ އެކި ފަރާތްތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ގިނަ ފަރާތްތަކުގެ ކަންބޮޑުވުމަކީ މާރުކުރަން ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭ ކަމުގެ ކަންބޮޑުވުމެވެ. އެކަންބޮޑުވުން ފާޅުކުރެއްވި އެއް ބޭފުޅަކީ ގައުމީ ގެސްޓް ހައުސް އަދި ހޮޓެލް އެސޯސިއޭޝަންގެ ރައީސް އަދި ކާނި ހޮޓެލްސްގެ ސީއީއޯ އަބްދުﷲ ނަޝީދު (ކާނި ނަޝީދު)އެވެ.

8b4d90d4-7ede-44a7-8456-9d8bd594ac46.webp

ކާނި ހޮޓެލްސް -- ފޮޓޯ/ ދައުރު

އެގޮތުން ނަޝީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޢާންމު ގޮތެއްގައި ރޫމެއް 100 ޑޮލަަރަށް ވިއްކާއިރު، ތިން ނުވަތަ ހަތަރު ދުވަހު މަޑުކޮށްގެން ކޮޓަރިއެއްގެ އާމްދަނީގެ ގޮތުގައި ވެސް ލިބެނީ 300 ނުވަތަ 400 ޑޮލަރުކަމަށެވެ. އެހެން ނަމަވެސް، ކޮޓަރިއެއްގައި މަޑުކުރާ ދެ ގެސްޓުންނަށް 1000 ޑޮލަރު މާރުކުރަން ޖެހޭއިރު، އެ ފައިސާ ހޯދަންވީ ކަޅު ބާޒާރުން މާރުކޮށްގެންތޯ ނަޝީދު ވަނީ ސުވާލުއުފައްދަވާފައެވެ.

 

އެހެން ނަމަވެސް، އެ ގަވާއިދު ބުނާ ގޮތުން އެފަދަ މައްސަލަތަކަށް ޙައްލު ހޯދުމަށް، އެމްއެމްއޭއަށް ހުށަހަޅައިގެން ވަކި ޚާއްސަ ޙާލަތްތަކެއްގައި މަދުން ޑޮލަރު މާރުކުރުމުގެ ހުއްދަ ހޯދޭނެ ގޮތްތައް ވެސް އެބަ ހުއްޓެވެ. އޭގައި ބުނާ ގޮތުގައި،  އެ ހުއްދަ ދެވޭނީ ކަނޑައަޅާފައިވާ މިންވަރަށް ޑޮލަރު މާރުކޮށްގެން، އެ އިދާރާއިން ކަނޑައަޅާފައިވާ އިލްތިޒާމުތަކުގެ ތެރެއިން އެއްވެސް އިލްތިޒާމެއް އަދާކުރަން ޑޮލަރު ނުހުންނާނެ ކަމަށް އެމްއެމްއޭއަށް ގަބޫލުކުރެވޭނެ ނަމައެވެ. އެ އިލްތިޒާމުތަކަކީ:

  1. ބޭރު ފައިސާއިން އަދާކުރަންޖެހޭ ޓެކްސް
  2. މާލީ އިދާރާއަކަށް ބޭރު ފައިސާއިން އަދާކުރަން ޖެހިފައިވާ ލޯނު
  3. ކޯޓު ހުކުމެއްގައި ދެއްކުމަށް ކަނޑައަޅާފައިވާ ބޭރު ފައިސާގެ އިލްތިޒާމުތައް
  4. އޮތޯރިޓީން ހުއްދަދޭ އެހެން ވެސް ބޭރު ފައިސާގެ އިލްތިޒާމުތައް

 

އެ ގަވާއިދަކީ ހެޔޮ ބަދަލެއްގެ ފުރަތަމަ ފިޔަވަޅު

އެއާއެކު ވެސް، އެ ގަވާއިދާ މެދު އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއީލް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ފައްުޔާޒް ވިދާޅުވާ ގޮތުގައި، އެންމެ ރަނގަޅު ގޮތަކީ  ބޮލަކަށް ވަކި އަދަދެއް ކަނޑައަޅައިގެން ނެގުމުގެ ބަދަލުގައި އެ ތަނަކަށް ދާ ފަތުރުވެރިންގެ ޖުމްލަ އަދަދަށް ބެލުމަށްފަހު ލިބޭ އާމްދަނީއިން ވަކި އިންސައްތައެއް ނެގުމެވެ.

އެގޮތުން ފައްޔާޒް ވިދާޅުވާ ގޮތުގައި، ރޭގެ އެ ނިންމުމުން އެކަނި، ޑޮލަރުގެ މައްސަލައަށް ޙައްލެއް އަންނާނެ ކަމަށް ނުބެލެވެއެވެ. ރާއްޖޭގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު، އަޙްމަދު މުނައްވަރު ފާހަގަ ކުރައްވާ ގޮތުގައި ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައި މިގެނައި ބަދަލަކީ އަދި ދާއިމީ ފަރުވާއެއް ނޫނެވެ.

big_tvBfzQhqhNl5aaB1cfsVqdBhf_munawar.jpg

އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު

ރާއްޖޭގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި މުނައްވަރު ވިދާޅުވި ގޮތުގައި، ބޭރު ފައިސާ އާ ގުޅުން ހުރި ގަވައިދުތަކަށް ގެނައި ބަދަލުގެ ހެޔޮ އަސަރު ފެންނަން ފަށާނީ މާލީ ސިޔާސަތުތައް ވެސް ބަދަލުކޮށް ސަރުކާރުން ރާވާފައިވާ ކަންތައް ތަންފީޒު ކުރަން ފެށުމުންނެވެ. އޭގެ އެއް ސިޔާސަތަކީ މި ގަވާއިދުގެ ދަށުން އިއްޔެއިން ފެށިގެން ގެނައި ބަދަލެވެ.

މިހާރު ހަގީގަތުގައި ބޭންކުތަކުން އެމްއެމްއޭއަށް ނުލިބޭ އެންމެ ޑޮލަރެއް ވެސް. އެއާ ޚިލާފަށް ބޭންކުތަކަށް އަޅުގަނޑުމެން މުޅީން ވެސް މި ޑޮލަރު ދެނީ. މި ކަމުގެ ސަބަބުން ބޭންކުތަކަށް ޑޮލަރު އިތުރުވެގެން ދިޔައީމަ، ދިވެހި ރައްޔިތުންނަށް ވެސް ފައިސާ ލިބޭނެ، ވިޔަފާރިތަކަށް ވެސް ލިބޭނެ، - ރާއްޖޭގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު، އަޙްމަދު މުނައްވަރު

ގަވަރުނަރު މުނައްވަރު ގަބޫލުކުރައްވާ ގޮތުގައި، އެ ގަވާއިދާއެކު، ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ޑޮލަރުގެ އަދަދު އިތުރުވާނެއެވެ. އެގޮތުން ގަވަރުނަރު ވިދާޅުވީ، މިހާރު އެމްއެމްއޭއަށް މާރުވާ ފައިސާއިން ބޭންކިން ނިޒާމަށް އަހަރެއްގެ މައްޗަށް ދެވެނީ 300 ނުވަތަ 400 މިލިއަން ޑޮލަރު ކަމަށެވެ. އެހެން ނަމަވެސް މިއަދު އަމަލުކުރަންފެށި ގަވާއިދުގެ ދަށުން އަހަރެއްގެ މައްޗަށް އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު ދެގުނަ ވާނެ ކަމުގައި ގަވަރުނަރު ގަބޫލުފުޅުކުރައްވައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖުލައި މަހުގެ މިހާތަނަށް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި ޚަބަރު | 3 ގަޑިއިރު ކުރިންފަވަރަ އާއި އިންޑިއާގެ ޔޫޕީއައި ގުޅާލަން އެއްބަސްވުމެއްގައި ސޮއިކޮށްފި ޚަބަރު | 6 ދުވަސް ކުރިން ބޭރު ފައިސާގެ ދަތިކަން ހައްލުކުރަން ހަރުދަނާ ފިޔަވަޅުތަކެއްރިޕޯޓް | 6 ދުވަސް ކުރިންއެމްއެމްއޭ އިން ބޭރު ފައިސާގެ ރިޒާވް ރިކުއާމަންޓް 5 އިންސައްތައަށް ދަށްކޮށްފިޚަބަރު | 7 ދުވަސް ކުރިން