ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ޑޮލަރުގެ އެކްސްޗޭންޖް ރޭޓަށް ހެޔޮ ބަދަލެއް އަތުވެއްޖެ: މިނިސްޓަރ ސައީދު
14 ސެޕްޓެމްބަރު 2026 - 09:49

ރާއްޖޭގައި އޮތް ޑޮލަރުގެ ބްލެކްމާކެޓް ހުއްޓުވުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު ޑޮލަރު އެކްސްޗޭންޖް މާކެޓަށް ހެޔޮ ބަދަލެއް އަންނަމުންދާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންެގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، ޑޮލަރުގެ ބާޒާރުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން އާޓިފިޝަލީ މެނިޕިއުލޭޓް ކޮށްގެން ޑޮލަރުގެ އަގު އުފުލުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، ޑޮލަރުގެ ބްލެކްމާކެޓް ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން ކުރިއެރުންތަކެއް ލިބެމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.

Ad by Hajj Corporation
އެގޮތުން ބޭރު ފައިސާއާއި ގުޅޭ ގާނޫނަށް ގެނައި ބަދަލުތަކާއި ބްލެކްމާކެޓް ހުއްޓުވުމަށް އެޅި ފިޔަވަޅުތަކާއެކު، ބްލެކްމާކެޓުގައި ޑޮލަރުގެ އަގު މިހާރު ދަށްވަމުންދާ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ. އެގޮތުން މިހާރުގެ ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ބްލެކްމާކެޓުގައި ޑޮލަރުގެ އަގު ހުރި ރޭޓަށްވުރެ ދަށަށް ގޮސްފައިވާ ކަމަށާއި، ކުރީގެ ސަރުކާރުގައި ހުރި މިންވަރަށް އަގު ވެއްޓިފައިވުމަކީ ރަނގަޅު ކުރިއެރުމެއް ކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.
އަދި ރާއްޖެފަދަ ކުޑަކުޑަ އިޤްތިޞާދެއްގައި ފައިސާގެ އަގު ހިފެހެއްޓުމަށް، ބޭރު ފައިސާގެ އާމްދަނީ ލިބޭ މީހުންނާއި ގާތުން މަސައްކަތް ކުރަމުންދާ ކަމަށާއި، ސަރުކާރުން ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


