ޑޮލަރުގެ އާމްދަނީ 28ގެ ކުރިން މާރުކުރަން އަންގައިފި
26 އޮކްޓޯބަރު 2026 - 14:00

ބޭރު ފައިސާއާ ބެހޭ ގާނޫނުގައިވާ ގޮތަށް ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ޑޮލަރު އާމްދަނީ މާރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަނދާންކޮށްދީފި އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގައިވާ ގޮތުން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ އާމްދަނީ، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން މާރުކުރަން ޖެހެ އެވެ.
ގާނޫނުގައިވާ ތާރީހާ އެއްގޮތަށް އަމަލުކުރުމަށް ހަނދާންކޮށްދިނުމުގެ ގޮތުން އެމްއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާނޫނުގައިވާ ސުންގަޑިއަށް މާރުކުރުމުގެ އިންތިޒާމު ފުރިހަމަ ނުކުރާ ފަރާތްތަކުގެ ނަން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އާންމުކުރާނެ ކަމަށެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރިސޯޓުތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 ޕަސެންޓު ކޮންމެ މަހަކުވެސް ބޭންކުތަކަށް މާރުކުރަން ޖެހެ އެވެ.
މިއިސްލާހަށް އަމަލުކުރަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ.
ގެސްޓްހައުސްގެ ވިޔަފާރިކުރާ ފަރާތްތަކުން ބޭރު ފައިސާ މާރުކުރަން ޖެހޭނީ ގާނޫނުގައި ކުރިންވެސް އެއްގޮތަށް އެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު ނުވަތަ ޖުމްލަ އާމްދަނީގެ 20 ޕަސެންޓެވެ.
ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އެކަނިވެސް ފަތުރުވެރިކަމުގެ ސިނާއަތުން 5.6 ބިލިއަން ޑޮލަރު ރާއްޖެއަށް ލިބުނެވެ. އެކަމަކު ރާއްޖޭގެ ބޭންކިން ނިޒާމަށް ވަދެފައިވަނީ 3.8 ބިލިއަން ޑޮލަރު ކަމަށާއި 3.8 ބިލިއަން ޑޮލަރުގެ ތެރެއިންވެސް ބޭންކުތަކަށް މާރުކުރީ އެންމެ 21 ޕަސެންޓް ޑޮލަރު ކަމަށް އިދާރާތަކުން ބުނެ އެވެ.
.png&w=750&q=75)
Ad by Hajj Corporation

-01.jpg&w=3840&q=75)
