ދެކުނު ލުބްނާންގައި ހަރަކާތްތެރިވާ އދ. ގެ ފައުޖަށް ޔަހޫދީންގެ ހަމަލާތަކެއް
17 ނޮވެމްބަރު 2025 - 07:05

ދެކުނު ލުބްނާންގެ ސުލްހަ ބެލެހެއްޓުމަށް އެސަރަހައްދުގައި ހަރަކާތްތެރިވާ "ދަ ޔުނައިޓެޑް ނޭޝަންސް އިންޓެރިމް ފޯސް އިން ލުބްނާން" އަށް އަމާޒުކޮށް، ޔަހޫދީ ސިފައިން ހަމަލާތަކެއް ދީފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.
އެ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި ޔަހޫދީ ސިފައިން ވަނީ ލުބްނާންގައި ޔަހޫދީ ސިފައިން ތިބޭ ސަރަހައްދަކުން، މެރްކަވާ ޓޭންކެއް ބޭނުންކޮށްގެން އެ ޖަމިއްޔާގެ އޮފިޝަލުން ތަކަކަށް، އާދީއްތަ ދުވަހު ހަމަލާތަކެއް ދީފައެވެ. މި ހަމަލާތައް އަމާޒުވެފައިވަނީ އެޖަމިއްޔާގެ އޮފިޝަލުން ތިބި ހިސާބާ ފަސް މީޓަރު ދުރު ސަރަހައްދަކަށް ކަމަށް އެޖަމިއްޔާއިން ބުނެއެވެ.

Ad by Hajj Corporation
ދަ ޔުނައިޓެޑް ނޭޝަންސް އިންޓެރިމް ފޯސް އިން ލުބްނާން އިން ބުނީ، ޓޭންކުތަކުން ހަމަލާތައް ހުއްޓާލުމުން އޭގެ ބައިގަޑިއިރު ފަހުން އެ ޖަމިއްޔާގެ އޮފިޝަލުންނަށް، ސަލާމަތުން އެސަރަހައްދު ދޫކޮށް ދެވުނު ކަމަށެވެ. މިހަމަލާތަކާ ގުޅިގެން ޔަހޫދީން ދައްކާފައި ވަނީ އަބަދުވެސް އެމީހުން ދައްކާ ބަހަނާއެވެ. މޫސުން ގޯސްވުމުން ހަމަލާދެވުނީ ކޮން ބަޔަކަށް ކަން ޔަގީން ނުވާކަމަށާއި ހަމަލާދިނީ ޙިޒްބުﷲ ޖަމާޢަތުގެ ބައެއް ކަމަށް ހީކޮށް ކަމަށް، ޔަހޫދީން ބުންޏެވެ.
ޔަހޫދީންގެ ހަމަލާތަކާ ގުޅިގެން ލުބްނާންގެ އަސްކަރިއްޔާއިން ބުނީ، އެކުވެރި ގައުމުތަކުގެ އަސްކަރިއްޔާތަކާ ގުޅިގެން، އެގައުމުން ޔަހޫދީ ސިފައިން ބޭލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިއީ މިހާރުން މިހާރަށް ކުރަންޖެހިފައި އޮތް ކަމެއް ކަމަށެވެ.
މިކަމާ ގުޅޭގޮތުން ލުބްނާންގައި ހަރަކާތްތެރިވާ އދ ގެ ޓީމުން ބުނެފައިވަނީ މި ހަމަލާތަކަކީ އދ ގެ ސަލާމަތީ ކައުންސިލުގެ ރިސޮލިއުޝަން ނަންބަރު 1701 އަކާ މުޅިން ހިލާފަށް ދީފައިވާ ހަމަލާތަކެއް ކަމަށެވެ. މި ރިސޮލިއުޝަނަކީ 2006 ވަނަ އަހަރު ޔަހޫދީންނާ ޙިޒްބުﷲ އާ ދެމެދު ކުރެވުނު ހަނގުރާމަ ނިމުމަކަށް ގެނައުމަށް ފާސްކޮށްފައިވާ ރިސޮލިއުޝަނެކެވެ.
މިފަހުން ޔަހޫދީން، ލުބްނާންގައި ފަށާފައިވާ ހަނގުރާމަތަކުަގައި ވަނީ 4000 އަށް ވުރެ ގިނަ މީހުން މަރާލާފައެވެ. މީގެ ތެރޭގައި ގިނައިން ހިމެނެނީ އެގައުމުގެ މައުސޫމު އާންމު ރައްޔިތުންނެވެ. މީގެ އިތުރުން މި ހަނގުރާމަތަކުގައި މިލިއަނަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި، ހާލުގައި ޖެހިފައިވެއެވެ.


