އިސްރާއީލުން ލުބްނާނަށް އިތުރު ސިފައިން ފޮނުވާ، ހަނގުރާމަ ފުޅާކުރަނީ
20 މާރިޗު 2026 - 06:33

މެދުއިރުމަތި ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓައިލާފައިވާ ޞަހްޔޫނީ ދައުލަތުގެ އިސްތިޢުމާރީ ޔަހޫދީ ސިފައިން، ލުބްނާނަށް އަރައިގަނެ ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ފުޅާކޮށް، ޢާންމު ރައްޔިތުން ޝަހީދުކޮށް މުޅި ސަރަޙައްދު ނުރައްކަލުގެ ތެރެއަށް ވައްޓާލައިފިއެވެ.
މާރިޗު 1 ވަނަ ދުވަހުން ފެށިގެން ލުބްނާނާއި ޞަޙްޔޫނީ ދައުލަތްް ގުޅޭ ސަރަޙައްދީ ރޮނގުގައި ޞަޙްޔޫނީ ސިފައިންގެ އަދަދު ދެގުނައަށް އިތުރުކޮށްފައިވާ އިރު، އެމީހުން މިހާރު ދަނީ ލުބްނާނުގެ ދެކުނުގެ އަވަށްތަކަށް އަރައިގަނެ، ޢާންމުންގެ ގެދޮރު ހިފައި، ރައްޔިތުންގެ މުދަލަށް އަރައިގަތުމުގެ އިތުރުން، ލާއިންސާނީ އެތަކެއް ޖަރީމާއެއް ހިންގަމުންނެވެ.
ޞަޙްޔޫނީ ސިފައިން ލުބްނާންގެ ޢާންމު ރައްޔިތުންނަށް ޙަމަލާ ދޭން ފަށާފައި ވަނީ، ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله އިން އީރާނާ އެއްބައިވެ، ޞަޙްޔޫނީންގެ އަމާޒުތަކަށް ޙަމަލާދޭން ފެށުމާ ގުޅިގެންނެވެ. މިއީ، އެމެރިކާއާއި ޞަހްޔޫނީން އިސްވެ، އެއްވެސް ހުއްޖަތަކާ ނުލައި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ނުރައްކާތެރި ނަތީޖާއެވެ. އީރާނުން ދަނީ ޞަޙްޔޫނީންނާއި އެމެރިކާގެ ޙަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ޞަޙްޔޫނީންގެ މަޞްލަޙަތުތަކަށް ރައްދު ޙަމަލާ ދެމުންނެވެ. ޞަޙްޔޫނީންގެ ވަރުގަދަ އަސްކަރީ މަތިންދާބޯޓުތަކުން ލުބްނާންގެ ވެރިރަށް ބަޔިރޫތަށް ބޮން އަޅަމުންދާ އިރު، ލުބްނާނުގެ ދެކުނު އަލް-ލަޔިޠާނީ ކޯރާ ހަމައަށް އަތްގަދަ ކުރުމަށް ޓަކައި ޞަޙްޔޫނީ ސިފައިން ދަނީ ޢާންމުންގެ ގެދޮރު ސުންނާފަތި ކުރަމުންނެވެ.
ޞަޙްޔޫނީންގެ ޙަމަލާތަކުގައި ލުބްނާނުން ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 968 އަށްވުރެ އިތުރުވެފައިވާއިރު، ޙިޒްބުالله އިން ދަނީ މާރިޗު 2 ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ އިސްތިޢުމާރީ ސިފައިންނަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ. ލުބްނާނާ ދެކޮޅަށް ހިންގުން ދަނީ ދިފާޢީ އޮޕަރޭޝަނެއް ކަމުގައި ޞަޙްޔޫނީ ސިފައިން ބުނި ނަމަވެސް، ސަރަޙައްދީ ރޮނގު ކައިރިއަށް ޖަމާކޮށްފައިވާ އެތަކެއް ސަތޭކަ އަސްކަރީ ޓޭންކުތަކާއި، ބުލްޑޯޒަރުތަކާއި، ހަނގުރާމަވެރި އުޅަނދުތަކުން ސާފުވަނީ ޞަޙްޔޫނީންގެ ނުބައި ނިޔަތެވެ.

Ad by Hajj Corporation
މިއީ ގެދޮރުން ބޭރު ކޮށްފައިވާ ލުބްނާންގެ ރައްޔިތުން އެނބުރި ވަޒަނަށް ދިއުން ހުއްޓުވުމަށް ޞަޙްޔޫނީން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާއެއް ކަމުގައި ޙިޒްބުﷲ އިން ސިފަކުރެއެވެ.


