"ލުބުނާނަށް ދެމުންދާ ޙަމަލާތަކަކީ ޤައުމުގެ އިސްތިޤުލާލަށް އަރައިގަތުމުގެ ޢަމަލެއް"
23 މާރިޗު 2026 - 04:57

ލުބުނާނުގެ ބިނާރުތަކަށް ޔަހޫދީން ދެމުންދާ ޙަމަލާތައް، ލުބުނާނުގެ ރައީސް ޖޫޒީފް ޢޫން ކުށްވެރިކުރައްވައިފިއެވެ.
ޔަހޫދީން ދަނީ ދެކުނު ލުބުނާނުގެ ލިޠާނީ ކޯރު ހުރަސްކުރަން ބޭނުންކުރާ ޤާސިމިއްޔަ ބުރިޖު ހިމެނޭހެން އެ ސަރަޙައްދުގެ ބުރިޖުތަކާއި މުހިންމު ބިނާރުތަކަށް ޙަމަލާތައް އަމާޒުކުރަމުންނެވެ. ޙަމަލާތަކާ ގުޅިގެން ޢޫން ނެރުއްވި ބަޔާނެއްގައި އޭނާ ވަނީ އެ ޙަމަލާތަކަކީ ލުބުނާނުގެ އިސްތިޤުލާލަށް އަރައިގަތުމުގެ ޢަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެފަދަ ޢަމަލުތަކަކީ އެއްގަމު މަގުން ސިފައިން އެރުމުގެ ކުރިން ޢާންމުކޮށް ޢަމަލުކުރާ ގޮތެއްކަންވެސް ޢޫންގެ ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.
ޔަހޫދީންގެ ޢަމަލުތަކުން ދައްކުވައިދެނީ ރޭވުންތެރިކަމާއެކު ބިނާރުތަކާއި މަދަނީ ވަޞީލަތްތަކާއި މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ގަސްތުގައި ޙަމަލާތައް އަމާޒުކުރަމުންދާ މަންޒަރު ކަމަށް ވިދާޅުވެ، ޢޫން ވަނީ އެ ޙަމަލާތައް ދެމުން ދަނީ ރައްޔިތުންނަށް އަދަބު ދިނުމުގެ ރޫޙުގައި ކަމަށް ވެސް ވިދާޅުވެފައެވެ. ލިޠާނީ ކޯރު ހުރަސްކުރުމަށް ބޭނުންކުރާ ބުރިޖުތަކަށް ޙަމަލާތައް އަމާޒުކޮށް، ޢާންމުންގެ ދަތުރުފަތުރަށް ބޭނުންކުރާ މައި މަގުތަކަށް ޙަމަލާ ދިނުމަކީ ލިޠާނީ ސަރަޙައްދާއި ލުބުނުނާނުގެ އެހެން ސަރަޙައްދުތައް ވަކިކޮށް، ލިޠާނީ ސަރަޙައްދު އެކަހެރިކޮށްލުމަށް ކުރާ މަސައްކަތެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އެއާއެކު އެ ސަރަޙައްދަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސް އެޅޭނެ ކަމަށް އޭނާ ފާހަގަކުރައްވާފައިވެއެވެ. ބެލެވޭ ގޮތުގައި ޔަހޫދީން މަސައްކަތް ކުރަމުން ދަނީ ޔަހޫދީ ސަރަޙައްދީ ރޮނގު ކައިރީގައި ބަފަރު ޒޯނެއް ޤާއިމްކޮށް، ލުބުނާނުގެ ބިމުގެ ސަރަޙައްދުން ބައެއް އަތުލުމަށް ކަމަށް ޝައްކު ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
މާރިޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ޙަމަލާތަކުގައި ލުބުނާނުގެ 1،029 މީހުން ޝަހީދުވެ، 2،786 މީހުންނަށް ޒަޚަމްވެފައިވާ ކަމަށް ލުބުނާނުގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ.


