މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރިއިރު ބޭނުންކުރި ދެ ގޮނޑި ދިވެހިންނާ ހަވާލުކޮށްފި
17 ނޮވެމްބަރު 2025 - 13:16

ދިވެހިރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި 26 ޖުލައި 1965 ގައި ސޮއިކުރިއިރު ބޭނުންކުރި ދެ ގޮނޑި، ދިވެހި ސަރުކާރާ ޙަވާލުކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ފަރާތުން އެ ގޮނޑިތައް ރަސްމީކޮށް ޙަވާލުކޮށްދެއްވީ އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން އެ ގޮނޑިތަކާ ޙަވާލުވެވަޑައިގަތީ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލެވެ.
މި ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރުގެ އަރިހުގައި ދިވެހި ބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު، އާދަމް ނަޞީރު އިބްރާހީމް ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ އެ ގޮނޑިތަކުގެ ރަމްޒީ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ވަޒީރުގެ ވާހަކަފުޅުގައި އެ ގޮނޑިތަކުން ރަމްޒުކޮށްދެނީ ދިވެހިރާއްޖެ މިނިވަން ސިޔާދަތީ ދައުލަތެއްގެ ގޮތުގައި އެޅި ފުރަތަމަ ފިޔަވަޅުގެ ވަގުތުކޮޅުކަމުގައި ފާހަގަކުރައްވާފައެވެ. އަދި މިފަދަ މާނަ ފުން ހަދިޔާއަކުން ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ރަޙްމަތްތެރިކަމުގެ ގާތްގުޅުން ދައްކުވައިދޭކަމުގައި ވިދާޅުވެ އިނގިރޭސިވިލާތުގެ ސަރުކާރަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

Ad by Hajj Corporation
އިނގިރޭސިވިލާތުގެ ސަފީރު ނިކޮލަސް ލޯ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންދެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައިވާ ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުއްވައި، ތަފާތު އެކި ދާއިރާތަކުން ކުރިއަށްދާ އެއްބާރުލުމާގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ.
މި ރަސްމިއްޔާތުގައި ޚާރިޖީ ވުޒާރާގެ އިސްވެރިންނާއި، ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަންގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހިންގެ ތަރިކަ ހިމާޔަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާ ކަމެކެވެ. އެގޮތުން، ތަރިކަ ހިމާޔަތްކޮށް ބެލެހެއްޓުމުގެ އިތުރުން އެއަށް ޙައްޤު ޢިއްޒަތްދީ، ތަރިކަ ބެލެހެއްޓުމުގެ މަސައްކަތަށް ފަންޑުކުރެވޭނެ ގޮތްތަކެއް މަގުފަހިކުރުމުގެ ޕްލޭންތަކެއް ސަރުކާރުން މިހާރު ދަނީ އެކުލަވާލަމުންނެވެ


