ފުލުހުންގެ ވާޖިބައް ހުރަސްއެޅި މީހެއްގެ ދިފާއުގަ ރައީސަކު ނިކުތުމުން ފާޑުކިޔުން އަމާޒު ވެއްޖެ
11 ސެޕްޓެމްބަރު 2025 - 06:04
.jpg&w=3840&q=75)
ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހެއްގެ ދިފާއުގައި ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު ނުކުންނެވުމުން ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ބުދަ ދުވަހުގެރޭ ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކުރިއަށް ދިޔަ ސީނެއްގެ ތެރެއަށް ވަދެ، ފޮޓޯ/ވީޑިއޯ ނަގަން ފެށުމުން، ފުލުހުންގެ މަސައްކަތަށް ދަތިނުވާގޮތަށް އަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވުމުން އެކަމަށް ޖަދަލުކޮށް، ފުލުހުންގެ އެންގުމާ ހިލާފަށް ސީންގެ ތެރެއަށް ވަދެ، އެވިޑެންސްގެ ފޮޓޯނަގަން މަސައްކަތްކޮށްފައިވާތީ، އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއަޅާފައިވާކަމުގެ ތުހުމުގައި އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ވަނީ ހައްޔަރުކޮށްފައެވެ.

Ad by Hajj Corporation
ހުސެއިން ހަސަން އަކީ ނޫސްވެރިއެއްގެ ގޮތުގައި ވެސް ފެނިގެންދިޔަ ފަރާތެކެވެ.
އޭނާ ހައްޔަރުކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގަކުން ކުރާކަމަކަށް އެއްވެސް މީހަކު ހައްޔަރު ކުރުމަކީ ފުލުހުންގެ މުއައްސަސާއަށް އޮންނަ އިތުބާރު ހީނަރުވެގެންދާ ކަމެއް ކަމަށެވެ. އަދި ވަގުތުން ވަގުތަށް ހުސައިން މިނިވަން ކުރުމަށް ވެސް ރައީސް ސާލިހް ވަނީ ގޮވާލާފައެވެ.
މިކަމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ޙާރިޖީ ވަޒީރު އަބްދުއްﷲ ޙަލީލް ވަނީ، ރައީސް ސާލިހުގެ މި އަމަލު ކުއްވެރި ކުރައްވާފައެވެ.
މިފަދަ ދަށުދަރަޖައިގެ ޢަމަލު ހިންގާ ފަރާތްތަކުގެ ދިފާއުގައި ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު ނިކުންނެވުމަކީ މުޖުތަމަޢުއަށް ދެވޭ ނުރައްކާތެރި މެސެޖެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.
އަދި މިއިން ދައްކުވައި ދެނީ ފުލުހުންނަށް އިޙްތިރާމް ނުކުރާ ކަމާއި،ޑްރަގްގެ ވަބާއިން ރާއްޖެ ސަލާމަތް ކުރަން ފުލުހުން ކުރާ މަސައްކަތަށް ރައީސް ސާލިހު ވެރިކަމުގައި ހުންނެވި އިރު ވެސް ހުރަސްއެޅުއްވިކަން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައްޔިތުންނަށް ހެވެއް އެދިވަޑައިގަންނަވާ ނަމަ ރައީސް ސާލިހް ވެސް އަދި އެމްޑީޕީން ވެސް ކުރައްވަންވީ ކަމަކީ ޑްރަގްގެ ވަބާއާ ދެކޮޅުކަން ސާފުކޮށް ވިދާޅުވުމާ އެކު، ފުލުހުންގެ މަސައްކަތަށް ހިތްވަރު ދެއްވުން ކަމަށް ވެސް ވަޒީރު ހަލީލް ވަނީ ވިދާޅުވެފައެވެ.
ހުސެއިން ހަސަން ހައްޔަރުކުރުމާ ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ އޭނާ ހައްޔަރުކުރީ ރަނގަޅަށް ނޫންކަމަށް ބުނެ ފުލުހުންނަށް ފާޑުކިޔަމުންނެވެ.


