މަނާ ކުރި ފަހުން 53,000 އަށްވުރެ ގިނަ ވޭޕް ސާމާނު ހިފަހައްޓައިފި

އާމިނަތު ޝަފާ20 ނޮވެމްބަރު 2025 - 09:27
ވޭޕްއާއި އެއާ ގުޅުންހުރި ތަކެތި ރާއްޖެއަށްް އެތެރެކުރުން މަނާކުރިފަހުން 53،300 އަށްވުރެ ގިނަ ސާމާނު ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވާކަމަށް މޯލްޑިވްސް ކަސްޓަަމްސްއިން ބުނެފިއެވެ.
ވޭޕްގެ ވިޔަފާރިކުރުމާއި ބޭނުންކުރުން ސަރުކާރުން މަނާކޮށްފައިވާއިރު ދުންފަތާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ވޭޕް ވިއްކުމާއި ބޭނުންކުރުމުގެ އިތުރަށް ވޭޕްއާއި އެއާ ގުޅުންހުރި ސާމާނު ރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެކެވެ.
ވޭޕް މަނާކުރި ފަހުން އަހަރެއްވާން ގާތްވެފައިވާއިރު މިފަދަ 176 މައްސަލައެއް ކަސްޓަމްސްއިން ބަލާފަައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. މިމައްސަލަތަކުގައި ވޭޕް ކުރުމަށް ބޭނުން ކުރާ 53،300 ތަކެތި ހިފެހެއްޓި ކަމަށްވެސް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.
ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި، ހިލޭ ބެހުން މަނާކުރާ ގާނޫނަށް އަމަލުކުރަން ފެށީ 2024 ވަނަ އަހަރުގެ ޑިސެންބަރު 15 ވަނަ ދުވަހުން ފެށިގެންނެވެ. މި ގާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތައް އެތެރެކުރުމުން 50,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އެތެރެކުރާ ކޮންމެ ވޭޕަކަށް 10,000 ރުފިޔާގެ މަގުން އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ. އަދި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ، 50,000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ.
މި ގާނޫނު ތަންފީޒުކުރުމުގެ ސަބަބުން ވޭޕް ބޭނުންކުރުން މަދުވެ އާންމު ސައްހަތަށް ކުރާ ނޭދެވޭ އަސަރު ކުޑަވާނެކަމަށް ސަރުކާރުން ގަބޫލު ކުރެއެވެ.
ފުލުހުން ވަނީ ގާނޫނާ ހިލާފުވާ ފަރާތްތަކަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް މެދުވެރިކޮށް ޖޫރިމަނާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައެވެ. އަދި ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެނައި އިސްލާހަށް އާންމުން ފުރިހަމައަށް އަމަލުކުރުމަށާއި، ގާނޫނު ތަންފީޒުކުރުމުގައި ފުލުހުންނަށް އެއްބާރުލުން ދިނުމަށް ފުލުހުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.
އިތުރު ލިޔުންތައް

ދެކުނުގެ ކަސްޓަމްސްގެ ސަރަހައްދީ އޮފީސް އައްޑޫގައި ހުޅުވައިފި
އަހަރެއް ކުރިން
ބޮންޑެޑް ވެއާހައުސް ދެން ހިންގޭނީ "ކަސްޓަމްސް ގެ ފުލް ކޮންޓްރޯލް" އޮންނަ ސަރަހައްދުތަކުގައި އެކަނި
އަހަރެއް ކުރިން
ކަސްޓަމްސްގެ މުވައްޒަފުން ކޮރަޕްޝަނުގެ އަމަލު ހިންގާކަމުގެ ތުހުމަތު
10 މަސް ކުރިން


