ލަންކާގެ ރައީސް ތަމަޅަ އަދި މުސްލިމް ލީޑަރުންނާ ބައްދަލުކުރަށްވައި ނަސްލީ ތަފާތުކުރުމަށް ޖާގަނުދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފި
23 ނޮވެމްބަރު 2025 - 10:13

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިއްސަނާޔަކަ، ގައުމުގެ ތަމަޅަ އަދި މުސްލިމް ސިޔާސީ ލީޑަރުންނާ ބައްދަލުކުރައްވައި، ނަސްލީ އެއްވެސް ތަފާތުކުރުމަކަށް ޖާގަ ނުދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފިއެވެ.
ލަންކާ މީޑިއާގައި ބުނެފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ރައީސް އަނޫރާ ވަނީ، ކޮންމެ ރައްޔިތަކަށްވެސް އެންމެހައި ދީނީ އަދި ސަގާފީ ވަންތަކަންތަކަށް އިޙްތިރާމްކޮށްގެން ދިރިއުޅުމުގެ މިނިވަންކަން ލިބިގެންވާނެ ކަމަށާއި، ނަސްލީ ވަކިކުރުމެއްގެ ތެރެއަށް ސްރީލަންކާ ވެއްޓެން ސަރުކާރުން ނުދެއްވާނެކަމަށް ވިދާޅުވެފައެވެ. މި މަޤްޞަދުގައި ސަރުކާރުން ހިންގާ ޕްރޮގްރާމަށް އެންމެހައި ސިޔާސީ ފަރާތްތަކުން ތާއީދު ދިނުމަށް އެމަނިކުފާނު ވަނީ ދައުވަތު އެރުވައިފައެވެ.

Ad by Hajj Corporation
މި ބަސްފުޅުތައް ރައީސް ވިދާޅުވީ، ހޮނިހިރު ދުވަހު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، މި ޑިސެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ 'ސްރީލަންކާ ޑޭ' އަށް ރާވާފައިވާ ޕްރޮގްރާމްތަކާ ބެހޭގޮތުން އިދިކޮޅު ތަމަޅަ އަދި މުސްލިމް ފަރާތްތަކުގެ މަންދޫބުންނަށް މައުލޫމާތު ދިނުމެވެ. 'ސްރީލަންކަން ޑޭ' ރާވަމުންދަނީ، ހުރިހާ މުޖުތަމައުތައް އެކުވެ، އެއްބަޔަކު އަނެއްބަޔަކަށް އެނގި، އަދި ސުލްހަވެރި އަދި އެއްބައިވަންތަ ސްރީލަންކާއެއް ބިނާކުރުމުގެ އުއްމީދުގައެވެ.
ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި މަންދޫބުން ވަނީ 'ސްރީލަންކާ ޑޭ' ފާހަގަކުރުމުގެ މި އިސްނެގުމަށް ތަރުހީބު ދެއްވައިފައެވެ. އަދި މިކަމާ ގުޅޭގޮތުން އެބޭފުޅުންގެ ޚިޔާލުފުޅުތަކާއި ހުށަހެޅުންތައްވެސް ހުށަހަޅުއްވާފައިވެއެވެ. މީގެ އިތުރުން، އެ މަންދޫބުން ވަނީ ރައީސް އަނޫރާ ކުމާރާ ދިއްސަނާޔަކަގެ އިރުޝާދުގެ ދަށުން، މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް އަމާޒުކޮށްފައިވާ "އެކުވެރި ޤައުމެއް" މި ޤައުމީ މަސައްކަތަށް، އަދި ޤައުމީ އަދި ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމަށް، އެއްވެސް ޝަރުތެއް ނެތި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.
ބުދުދީން، ދީނީ އަދި ސަގާފީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ހިންގާ 'ސްރީލަންކަން ޑޭ' ގެ ޤައުމީ ޕްރޮގްރާމުގެ އިންތިޒާމީ މަސައްކަތްތަކާ ބެހޭގޮތުން ވަރަށް ފުޅާކޮށް މަޝްވަރާ ކުރެވުނެވެ. ރައީސް ވަނީ ސިޔާސީ، ދީނީ އަދި ސަގާފީ ތަފާތުތައް ނައްތާލައި، ހުރިހާ ފަރާތްތަކަށް އެއް މަންސައެއްގައި އެކުގައި ބައިވެރިވެވޭނެ ގޮތަކަށް ޕްރޮގްރާމްތަކާއި ރޭވުންތައް ފަރުމާކުރުމަށް އިންތިޒާމީ ކޮމިޓީއަށް އިރުޝާދު ދެއްވައިފައެވެ.
މި ބައްދަލުވުމުގައި ބުދުދީން، ދީނީ އަދި ސަގާފީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ހިނިދުމާ ސުނިލް ސެނެވީ، ދީނީ އަދި ސަގާފީ ކަންތައްތަކާ ބެހޭ ނައިބު ވަޒީރު މުނީރު މުލައްފަރު އަދި މިނިސްޓްރީގެ ސެކްރެޓަރީ ޕްރިންސް ސެނަދީރާ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، އިލަންކައި ތަމަޅަ އަރަސު ކަޑްޗި (އައި.ޓީ.އޭ.ކޭ)، ތަމަޅަ ނޭޝަނަލް އެލަޔަންސް (ޓީ.އެން.އޭ)، ސްރީލަންކާ ލޭބަރ ޕާޓީ، ސްރީލަންކާ މުސްލިމް ކޮންގްރެސް (އެސް.އެލް.އެމް.ސީ)، ތަމަޅަ ޕްރޮގްރެސިވް އެލަޔަންސް (ޑީ.ޕީ.އެފް)، ޑިމޮކްރެޓިކް ޕީޕަލްސް ފްރޮންޓް (ޑީ.ޕީ.އެފް) އަދި އޯލް ސިލޯން މައްކަލް ކޮންގްރެސް (އޭ.ސީ.އެމް.ސީ) ތަމްސީލުކުރައްވާ މަޖިލިސް މެންބަރުންނާއި ލީޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ.


