ޓޮޓްނަމް އަށް ދޯކާދިން އެޒޭގެ ހެޓްރިކުން އެޓީމު ބަލިކޮށް އާސެނަލް ތާވަލުގެ އެއްވަނައިގައި ބޮޑު ލީޑެއް
24 ނޮވެމްބަރު 2025 - 03:32

ޕްރިމިއާ ލީގުގެ ތާރީޚުގައި ނޯތު ލަންޑަން ޑާބީއެއްގައި 47 އަހަރުފަހުން ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު އިބެރެޗީ އެޒޭ ހޯދައިފިއެވެ. އެޒޭ މޮޅު ކުޅުމާއެކު އާސެނަލް ވަނީ ޓޮޓެންހަމް ހޮޓްސްޕާސް 4-1 އިން ބަލިކޮށް ލީގު ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.
މިދިޔަ ޓްރާންސްފާ މާކެޓްގައި ޓޮޓްނަމް އަށް ދޯކާދިން އެޒޭ ވަނީ އޭނާގެ ކެރިއަރުގެ ފުރަތަމަ ހެޓްރިކް ޓޮޓްނަމް އާއި ދެކޮޅަށް ހަދައި މޮޅު ކުޅުމެއް ކުޅެފައެވެ. ލެއަންޑްރޯ ޓްރޮސާޑް ވަނީ 36 ވަނަ މިނެޓުގައި ލަނޑު ޖަހައި އާސެނަލްއަށް ލީޑު ނަގާދީފައެވެ.

Ad by Hajj Corporation
އޭގެ ފަސް މިނެޓު ފަހުން އެޒޭ ވަނީ އާސެނަލްގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. އޭރިއާގެ ބޭރުން ޖޯއާއޯ ޕަލީނިއާ އާއި ރޮޑްރިގޯ ބެންޓަންކޫރްގެ ދެމެދުން ނުކުމެ އީޒޭ ފޮނުވާލި ބޯޅަވެސް ވަނީ ވެން ޑެ ވެންގެ ގައިގައި ޖެހި ގޯލަށް ވަދެފައެވެ. ދެވަނަ ހާފު ފެށިތާ 35 ސިކުންތު ތެރޭގައި އީޒޭ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، ޓޮޓެންހަމްގެ ދިފާއު ހަލާކުކޮށްލާފައެވެ. ޓޮޓެންހަމްއަށް ފުރަތަމަ ހަމަލާއެއް ފޮނުވާލެވުނީ 55 ވަނަ މިނެޓުގައެވެ. ރިޗާލިސަން 40 ޔާޑު ބޭރުން ފޮނުވާލި ހަމަލާއަކުން ޓޮޓެންހަމް ވަނީ މެޗުގެ ފުރަތަމަ ގޯލުޖަހާފައެވެ.
މެޗު ނިމެން 14 މިނެޓަށް ވެފައި ވަނިކޮށް ޓްރޮސާޑް ކަނާތްފަރާތުން ދިން ކަޓްބެކަކުން އީޒޭ ވަނީ އޭނާގެ ފުރަތަމަ ޕްރިމިއާ ލީގު ހެޓްރިކް ފުރިހަމަކޮށްފައެވެ. އާސެނަލް މިހާރު ޗެލްސީއަށް ވުރެ ހަ ޕޮއިންޓު ކުރީގައި އޮތްއިރު، މެންޗެސްޓާ ސިޓީ އޮތީ އެއް ޕޮއިންޓު ފަހަތުން ތިންވަނައިގައެވެ.


