ރަސްމީ ދަތުރުފުޅެއްގައި ރައީސް އަންނަ މަހު ލަންކާއަށް ވަޑައިގަންނަވަނީ
24 ނޮވެމްބަރު 2025 - 07:21

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެގެ ދައުވަތަކަށް ފެށޭ ޑިސެމްބަރުމަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ދަތުރުފުޅެއްކުރައްވާނެކަން އެ ގައުމުގެ ނޫސްތަކުން ހާމަކޮށްފިއެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅަކީ ލަންކާގެ ރައީސްގެ ރަސްމީ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅު އޮންނާނީ އަންނަ މަހުގެ ދެވަނަ ހަފްތާގެ ތެރޭގައި ކަމަށް ވެސް އެ ނޫސްތަކުން ރިޕޯޓުކުރެއެވެ.

Ad by Hajj Corporation
މި ދަތުރުފުޅުގައި ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ދާއިރާއިންނާއި ފަތުރުވެރިކަން އަދި މައުލޫމާތު ބަދަލުކުރުންފަދަ ދާއިރާތަކުން ހަ އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށްވެސް ނޫހުން މައުލޫމާތުދެއެވެ.
ލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައިވެސް ދެ ގައުމުގެ ދެމެދުގައި މުހިއްމު އެއްބަސްވުންތަކެއްގައިވަނީ ސޮއިކޮށްފައެވެ.
އެގޮތުން ވިޔަފާރީގެ ދާއިރާއާއި، ދިފާޢީ ދާއިރާއާއި، ތަޢުލީމާއި، ވޮކޭޝަނަލް ތަމްރީނާއި، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާގެ އިތުރުން، ތިމާވެއްޓާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ހުރި ފުރުސަތުތައް ދެނެގަނެވިފައިވާކަމަށް ދެ ގައުމުން އޭރު ހާމަކުރިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސްރީލަންކާއަށް ވަޑައިގަތުމަށް ސްރީލަންކާގެ ރައީސް، ޑިސަނާޔަކެ ދައުވަތު އެރުވީވެސް އެ ދަތުރުފުޅުގެ ތެރެއިންނެވެ.ލަންކާގެ ނޫޫސްތަކުން ރިޕޯޓްކުރި ގޮތުގައި ދެ ގައުމުގެ ދެމެދުގައި ކުރާ ވިޔަފާރި ގާތްގަނޑަކަށް އަހަރަކު 40 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.
މިއީ ސްރީލަންކާގެ ރައީސް ޑިސަނާޔަކެ، މިދިޔަ ސެޕްޓެމްބަރ މަހު އެ ޤައުމުގެ ރައީސްކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު ދިވެހިރާއްޖެއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1965 ވަނަ އަހަރުގައެވެ. އަދި މި އަހަރަކީ މި ގުޅުމަށް 60 އަހަރު ފުރޭ ތާރީޚީ މުނާސަބާ ފާހަގަކުރާ އަހަރުވެސްމެއެވެ.


