ބޭންކިންގެ އުސޫލާއި ގަވާއިދުތަކާ ހިލާފަށް ލޯނެއް ނުދޭނެ: ބީއެމްއެލް
26 ނޮވެމްބަރު 2025 - 07:42

ބޭންކިންގެ އުސޫލާއި ގަވާއިދުތަކާ ހިލާފަށް އެއްވެސް ފަރާތަކަށް ބޭންކުން ލޯނު ނުދޭނެކަމަށް ގައުމީ ބޭންކް، ބީއެމްއެލްއިން މިއަދު ބުނެފިއެވެ.
އިދިކޮޅު ފަރާތްތަކުން ބީއެމްއެލްގެ ލޯނު ދޫކުރުމުގެ އުސޫލުތަކާއި މެދު ސުވާލު އުފައްދައި، ގާނޫނާއި ޚިލާފަށް ލޯނު ދޫކުރާ ކަމަށް ދައްކާ ވާހަކަތައް ދޮގު ކުރައްވާ ބީއެމްއެލްގެ ތަރުޖަމާން މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާ އެކު، ސަރުކާރުން ސޮއިކުރި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް އެ ބޭންކުން ފައިނޭންސް ނުވަތަ ލޯނު ދޫކުރަނީ ބޭންކިން ގާނޫނާ ހިލާފަށް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތި ދައްކާ ވާހަކަތަކެއް ކަމަށެވެ.

Ad by Hajj Corporation
ބޭންކުން ލޯނުދޫކުރަމުން ދަނީ އަދި ކުރިޔަށް އޮތްތާގައި ލޯނު ދޫކުރަމުން ދާނީވެސް ދިވެހިރާއްޖޭގެ ބޭންކިންގ ގާނޫނާއި ގަވާއިދުތަކާ އަދި ބައިނަލްއަގުވާމީ މިންގަޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލެވިފައިވާ ބޭންކުގެ ކްރެޑިޓް ޕޮލިސީ ތަކާ އެއްގޮތަށް، މިނިވަންކަމާއެކު ބޭންކުގެ ބޯޑުން ނިންމާ ނިންމުންތަކުގެ ދަށުންކަން ސައީދު ފާހަގަކުރެއްވިއެވެ.
އެހެންކަމުން ސިޔާސީ މަގުސަދެއް ހާސިލްކުރުމަށްޓަކައި ބޭންކުގެ ކަސްޓަމަރުންނަށާއި ހިއްސާދާރުންނަށް އޮޅޭގޮތަށް ހަގީގަތާ ޚިލާފު މައުލޫމާތު ދިނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށާއި ވުމާއެކު މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ.
ސަރުކާރުން އަމިއްލަ ކުންފުނިތަކާ 206 ޕްރޮޖެކްޓް ހަވާލުކުރީ މި މަހުގެ ހަ ވަނަ ދުވަހު މާލޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ރާއްޖޭގެ 53 ކުންފުންޏަކާ އެކު ސަރުކާރުން ސޮއިކުރި 206 މަޝްރޫއުގެ އަގު 2.7 ބިލިއަން ރުފިޔާއަށް އަރައެވެ. މިއީ، ދިވެހިރާއްޖޭގެ ތާރީހުގައިވެސް އެންމެ ގިނަ މަޝްރޫއު ކުންފުނިތަކާއި ހަވާލު ކުރި ފަހަރެވެ.


