17 އަހަރުން ދަށުގެ ވޯލްޑް ކަޕް ޕޯޗުގަލް ކާމިޔާބުކޮށްފި
28 ނޮވެމްބަރު 2025 - 03:30

ޕޯޗުގަލްގެ ޒުވާން ޓީމުން ފީފާ އަންޑަރ-17 ވޯލްޑް ކަޕްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މުބާރާތުގެ ތަށި ހޯދައިފިއެވެ. ބުރާސްފަތި ދުވަހުގެ ރޭ ދޯހާގައި ކުޅުނު ފައިނަލް މެޗުގައި އޮސްޓްރިއާ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެ، ޕޯޗުގަލް ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.
މެޗުގެ ހަމައެކަނި ގޯލް 32 ވަނަ މިނެޓުގައި ޖަހައިދިނީ ބެންފީކާގެ ޒުވާން ތަރި އަނިސިއޯ ކަބްރާލް އެވެ. މިއީ މި މުބާރާތުގައި ކަބްރާލް ޖެހި ހަތްވަނަ ގޯލެވެ.

Ad by Hajj Corporation
މި ކާމިޔާބީއާ އެކު ޔޫރަޕުގެ ޓީމުތަކުން ވަނީ މުބާރާތުގެ 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޯދާފައެވެ. ފައިނަލްގެ ކުރިން ކުޅުނު ތިންވަނަ ހޮވުމުގެ މެޗުގައި އިޓަލީން ވަނީ ބްރެޒިލް ބަލިކޮށް ތިންވަނަ ހޯދާފައެވެ. ގޯލެއް ނުޖެހި ނިމުނު އެ މެޗަށްފަހު ޕެނަލްޓީ ޖަހައިގެން 4-2 ގެ ނަތީޖާއަކުން އިޓަލީ މޮޅުވިއިރު، އެ ޓީމުގެ ގޯލްކީޕަރު އަލެސަންޑްރޯ ލޮންގޯނީ ވަނީ ދެ ޕެނަލްޓީ ސަލާމަތްކޮށްފައެވެ.
މިއީ ފީފާ އަންޑަރ-17 ވޯލްޑް ކަޕްގެ 20 ވަނަ އެޑިޝަނެވެ. މިހާރު 48 ގައުމު ބައިވެރިވާ ގޮތަށް އަދި އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް ބަދަލުކޮށްފައިވާ މި މުބާރާތުގެ ތަށި ޕޯޗުގަލްއަށް ލިބުމަކީ އެ ޓީމުގެ ތާރީޚުގައި މި ފެންވަރުގެ މުބާރާތެއްގައި ލިބުނު ފުރަތަމަ ކާމިޔާބީއެވެ.
އޮސްޓްރިއާއަށް މި ފައިނަލުން ބަލިވުމަކީ ހިތްދަތި ނިމުމެކެވެ. އެ ޓީމަށް މި މުބާރާތުގެ ރަނަރަޕްކަން ލިބުނީ އެ ޓީމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފައިނަލުގައި ކުޅެގެންނެވެ. ނަމަވެސް، އެ ޓީމުގެ ޔޮހާނަސް މޯސާ ޖެހި 8 ގޯލާއެކު އޭނާ ވަނީ މުބާރާތުގެ ގޯލްޑަން ބޯލް ހޯދާފައެވެ.


