ސަރުކާރުގެ އިޤްތިޞާދީ އިސްލާހީ އެޖެންޑާ ކުރިއަށްގެންދާއިރު ދަރަނި މެނޭޖުކުރުމަށް އިސްކަންދޭނެ: މާލީ ވަޒީރު
28 ނޮވެމްބަރު 2025 - 04:19
.webp&w=3840&q=75)
ސަރުކާރުގެ އިޤްތިޞާދީ އިސްލާހީ އެޖެންޑާ ކުރިއަށްގެންދާއިރު ދަރަނި މެނޭޖުކުރުމަށް ހާއްސަ އިސްކަމެއްދޭނެކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ Caa2 ގައި ދަމަހައްޓައި، ކުރިން އޮތް "ނެގެޓިވް" އައުޓްލުކް "ސްޓޭބަލް"އަށް މޫޑީޒްއިން ބަދަލުކުރުމާ ގުޅިގެން ވަޒީރު ވިދާޅުވީ، މި ރަނގަޅުވި އައުޓްލުކުން ދައްކައިދެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި މާލީ ނިޒާމަށް އިތުބާރު ބޮޑުވަމުންދާކަންކަމަށެވެ. ވަޒީރު ވިދާޅުވީ، ބޭރުގެ ނާޒުކުކަންތައްތަކަށް ޙައްލު ހޯދުމަށާއި، ޤައުމުގެ މާލީ ހާލަތު ވަރުގަދަކުރުމަށް މި ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަމަށެވެ.

Ad by Hajj Corporation
ވަޒީރު ފާހަގަކުރެއްވި މުހިންމު އިސްލާޙުތަކުގެ ތެރޭގައި ބޭރުގެ ފައިސާގެ ލިކުއިޑިޓީ ރަނގަޅުވުމާއި، ޑޮލަރުގެ އާމްދަނީ އިތުރުވުމާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) ވަރުގަދަކުރުން ހިމެނެއެވެ. މީގެ އިތުރުން، ދަޢުލަތުގެ ބަޖެޓުން ޚަރަދުކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން މާލީ ގޮންޖެހުންތައް ކުޑަކުރުމަށް އެހީތެރިވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މި މަސައްކަތްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ މާލީ އަދި އިޤްތިޞާދީ މިސްރާބަށް އޮތް އިތުބާރު އަލުން ބިނާކުރުމަށް އެހީތެރިވެފައިވާކަމަށެވެ.
ސަރުކާރުގެ އިޤްތިޞާދީ އިސްލާޙުތަކުގެ އެޖެންޑާ ކުރިއަށްގެންދާއިރު، މާލީ ހާލަތު ހަރުދަނާކުރުމަށާއި، ޒިންމާދާރުކަމާއެކު ދަރަނި މެނޭޖްކުރުމަށާއި، ދެމެހެއްޓެނިވި ދިގު މުއްދަތުގެ ކުރިއެރުމަށް ސަރުކާރުން އަބަދުވެސް އިސްކަންދޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.


