އަންނަ އަހަރަށް ލަފާކޮށް ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެއް
30 އޮކްޓޯބަރު 2025 - 09:03

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 64,202,565,720 (ފަސްދޮޅަސް ހަތަރު ބިލިއަން ދުއިސައްތަ ދެ މިލިއަން ފަސް ލައްކަ ފަސްދޮޅަސް ފަސް ހާސް ހަތް ސަތޭކަ ވިހި) ރުފިޔާ ކަމަށެވެ.

Ad by Hajj Corporation
ވަޒީރު ވިދާޅުވީ، މި ބަޖެޓުގައި ހިމެނިފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު ދެއްކުމުގެ ޚަރަދު ނުލައި، އަންނަ އަހަރުގެ ބަޖެޓަކީ، 55 ބިލިއަން ރުފިޔާކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ 2021 ވަނަ އަހަރުަ ސަރުކާރުން އިޝޫކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އިތުރުން، އޭގެކުރިން އިޝޫކުރި 100 މިލިއަން ޑޮލަރުގެ ބޮންޑެއް އަނބުރާ ދައްކަން ޖެހިފައިވާތީ ދަރަނި ދެއްކުމުގެ ޚަރަދު ބޮޑުވުމުގެ ސަބަބުން އައި އިތުރުވުމެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މި ސަރުކާރަށް ވާރުތަވި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ މި ހިނގާ 2025 ވަނަ އަހަރަށްވުރެ ކުޑަ ބަޖެޓެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ހާމަކުރެއްވި ގޮތުގައި، ހުށަހަޅާފައިވާ ބަޖެޓުން، ޚަރަދުގެ ގޮތުގައި 49.2 ބިލިޔަން ރުފިޔާ ހިނގާނެއެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 39.9 ބިލިޔަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.3 ބިލިޔަން ރުފިޔާއެވެ.
އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާ ކުރަނީ 40 ބިލިޔަން ރުފިޔާކަމަށް ވަޒީރު ވިދާޅުވިއެވެ. އަންނަ އަހަރު ޓެކުހުގެ ގޮތުގައި ދައުލަތަށް 31.3 ބިލިއަން ރުފިޔާ ކަމަށާއި  ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 8.7 ބިލިއަން ރުފިޔާކަމަށް ވަޒީރު ވިދާޅުވިއެވެ.
އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުން 39.9 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 62 އިންސައްތަ އެކަށަހަޅާފައިވާނީ ރިކަރެންޓު ޚަރަދަށް ކަމަށާއި، މީގެތެރޭގައި، ގިނަ ޒަމާންތަކަކަށްފަހު ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންނެއްގެ މުސާރަ ބޮޑުކޮށް، ހިމެނޭކަން ވަޒީރުގެ ވާހަކަފުޅުގައި ހާމަކުރެއްވިއެވެ.
މާލީ ވަޒީރު ވިދާޅުވީ، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުމަށް ގިނަ ފިޔަވަޅުތަކެއް ހިމަނާފައިވާ ބަޖެޓެއް ކަމަށެވެ.
މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ، ދިވެހިންގެ ދިރިއުޅުމަށް ފައިދާވާނެ ދާއިރާތަކަށް އަމާޒުކޮށްފައިވާ ބަޖެޓެއް ކަމަށެވެ. އެއީ ތައުލީމާއި، ސިއްޙަތާއި، ބޯހިޔާވަހިކަމާއި ވަޒީފާ އަދި ދިރިއުޅުމުގެ އަގު ހެޔޮކޮށް، ބަދަލުތަކެއް ގެނުވާނެ ދާއިރާތައް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ބަޖެޓް ބަޔާން ނިންމަވައިލައްވަމުން ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، މި ބަޖެޓު ހުށަހަޅާފައިވާ ގޮތަށް މަޖިލީހުން ފާސްކޮށްދެއްވުމަށް އެދިވަޑައިގަންވާކަމަށެވެ. އަދި މަޖިލީހުން ސަރުކާރުން ކުރައްވާ މަސައްކަތްތަކުގައި ކެއްތެރިކަމާއި ސާބިތު ކަމާއެކު ދެއްވަވާ އެއްބާރުލެއްވުމަށް ވަނީ ޝުކުރު ދަންނަވާފައެވެ.


