އަނިޔާވި ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑަށް
1 ޑިސެމްބަރު 2025 - 16:03

ހުޅުމާލެ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑަށް ގެންގޮސްފިއެވެ.
ސްޓެލްކޯއިން ފޭސްބުކުގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހުޅުމާލޭ އިންޖީނުގޭގައި ހިނގި ހާދިސާއެއްގައި އަނިޔާވި އެ ކުންފުނީގެ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާކަމަށެވެ.

Ad by Hajj Corporation
"އަޅުގަނޑުމެންގެ ދުޢާ އަކީ އެ މުވައްޒަފަށް އަވަސް ޝިފާއެއް ލިބި، އަލުން ހެޔޮ ހާލުގައި ވަޒީފާއަށް ނިކުމެވުމުގެ ތައުފީޤު މާތް ﷲ ދެއްވެވުން." ސްޓެލްކޯ
ސްޓެލްކޯއިން މި ހާދިސާއާ ގުޅިގެން މީގެ ކުރިން ނެރުނު ބަޔާނެއް ބުނެފައިވަނީ ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު އަނިޔާވި މުވައްޒަފަށް ވަގުތުން ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖައްސައި، އެހީތެރިކަން ފޯރުކޮށްދެވިފައިވެއެވެ.
އަދި މި ހާދިސާއާއި ގުޅިގެން އަނިޔާވި މުވައްޒަފުގެ ފަރުވާއާއި ގުޅޭ އެންމެހާ ކަންކަން ވަރަށް ގާތުން ބަލައި، ކުންފުނީގެ ފަރާތުން ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މުވައްޒަފުގެ އާއިލާއާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
އެ ކުންފުނިން ހާމަކުރި ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ދަނީ ކުރަމުންނެވެ.
މީގެ އިތުރުން، މި ހާދިސާގެ މިނިވަން ތަހުގީގެއް ފުލުހުން ވެސް ފަށާފައިވާތީ، ފުލުހުންނަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ވެސް ދެމުންދާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ


