މަގު ކޮންނަ ނަމަ މަގު ކޭބަލްތަކަށް ސަމާލުވުމަށް ސްޓެލްކޯއިން އެދިއްޖެ
13 އޭޕްރީލު 2026 - 18:44

މަގު ކޮންނަ ނަމަ މަގު ކޭބަލްތަކަށް ސަމާލުވުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ - ސްޓެލްކޯއިން އެދިއްޖެއެވެ.
އެ ކުންފުނިން މިކަމަށް އެދިފައި މިވަނީ ހުޅުމާލެ ފޭސް ދެއަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލަކަށް ގެއްލުންވެ ކަރަންޓު ކެނޑުމުގެ ހާދިސާއެއް ހިނގާފައިވާ ދަނޑިވަޅެއްގައެވެ.

Ad by Hajj Corporation
ސްޓެލްކޯއިން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑި، އަށް ގަޑިއިރުވި މައްސަލަ ދިމާވީ ކޭބަލަކަށް ގެއްލުންވުމުގެ ސަބަބުންކަން ފާހަގަކޮށް، މަގު ކޮނުން ފަދަ މަސައްކަތްކުރާއިރު ކޭބަލްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ހިޔާ ޓަވަރުތަކާއި ވިނަރެސް އެޕާޓްމެންޓުތަކުން އިއްޔެ ކަރަންޓު ކެނޑިފައިވާ ކަމަށް ރިޕޯޓުކުރީ މެންދުރު ފަހު 3:30ހާއިރެވެ.
ފުރަތަމަ ކަރަންޓު ކެނޑުނީ ހިޔާގެ 8 ޓަވަރަކާއި ވިނަރެސްގެ ބައެއް ޓަވަރުތަކުންނެވެ. ނަމަވެސް މައްސަލަ ހައްލުނުވެ، އިތުރު ޓަވަރުތަކުން ވެސް ފަހުން ކަަރަންޓު ކެނޑުނެވެ.
ސްޓެލްކޯއިން ހުރިހާ ޓަވަރަކަށް ކަރަންޓު ދެވިފައިވާ ކަމަށް ބުނީ ރޭގަނޑު 11:00ގެ ފަހުންނެވެ.
އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އިއްޔެ ބަކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ، ދެވަނަ ފިޔަވަހީގައި ބަޔަކު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަރަންޓު ދިނުމަށް އަޅާފައިވާ މައި ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ.
އެހެންވެ، މަގު ކޮނުމާއި، އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާއިރު، ބިމު އަޑިން އަޅާފައިވާ ކަރަންޓު ކޭބަލްތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން އިލްތިމާސްކުރިއެވެ. އެގޮތަށް ސަމާލުވުމުން، ފޭސް ދޭއްގައި ހިނގި ފަދަ ހާދިސާތަކުގެ ސަބަބުން ކުންފުންޏަށާއި އާންމު ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކާއި ލިބޭ ގެއްލުންތަކުން ސަލާމަތްވެވޭނެކަން އެ ކުންފުނިން ފާހަގަކުރިއެވެ.
ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމާ ގުޅޭ ގޮތުން ސްޓެލްކޯއިން ވަނީ ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ވެސް މަޝްވަރާކޮށްފައިވެއެވެ.

.gif&w=1920&q=75)
