ބްރިޖުގައި އެކްސިޑެންޓެއް: އަނިޔާވި މީހުންނަށް އެހީވުމުގައި ވަޒީރު އިޙްސާން
1 ޑިސެމްބަރު 2025 - 17:41

ސިނަމާލެ ބްރިޖު މަތީގައި އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވިއިރު، އެ މީހުން ހޮސްޕިޓަލަށް ގެންދިއުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން އެހީތެރިވެދެއްވައިފިއެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ މިއަދު އިރުއޮއްސި 18:35 ހާއިރުއެވެ.

Ad by Hajj Corporation
ފުލުހުން ބުނީ، މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ދެ ސައިކަލު، ބްރިޖުމަތިން ޖެހި އެކްސިޑެންޓުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ދެ ސައިކަލުގައި ތިބި ދެ ފިރިހެނުންކަމަށް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ. އެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އަކުން ފެންނަ ގޮތުގައި، އެކްސިޑެންޓުގައި އަނިޔާލިބުނު މީހުންނަށް އެހީވުމުގައި ވަޒީރު އިޙްސާން ވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ. އަދި އެވަގުތު ވަޒީރު ވަޑައިގެންނެވި ކާރުކޮޅުގައި، އަނިޔާވި ދެމީހުން ހޮސްޕިޓަލަށް ގެންގޮސްދެއްވިކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.
މި އެކްސިޑެންޓުގައި އެކެއްގެ މޫނުމަތިން ފަޅައިގެން ގޮސްފައިވާއިރު، ދެ މީހުންގެ ވެސް ގައިގެ އެކި ތަންތަނުން މަށައިގެންގޮސް، އެކިވަރުގެ އަނިޔާ ވެފައިވެއެވެ.
މި އެކްސިޑެންޓުގައި ދެ ސައިކަލަށްވެސް އެކިވަރުގެ ގެއްލުން ވެފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.


