ކެރަމް ވޯލްޑް ކަޕް: އަޒްމީން އަދި ނާޒިމްގެ ޕެއަރ ޑަބަލްސްގެ ކުއާޓަރގައި ވާދަކޮށްފި
2 ޑިސެމްބަރު 2025 - 13:55

މިހާރު ކުރިއަށްދާ ހަތްވަނަ ކެރަމް ވޯލްޑް ކަޕްގައި މިއަދު ކުރިއަށްދިޔަ ފިރިހެން ޑަބަލްސް އިވެންޓްގެ ކުއާޓަރ ފައިނަލުގައި ރާއްޖޭގެ އިސްމާއިލް އަޒްމީން އާއި ހަސަން ނާޒިމް ވާދަކޮށްފިއެވެ.
އެންމެ ފަހުގެ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގައި ޑަބަލްސް އިވެންޓުން ރިހި މެޑެލް ހާސިލްކުރި ރާއްޖޭގެ މި ޕެއަރ ކުއާޓަރގައި މިއަދު ކުރިމަތިލީ އިންޑިއާގެ ސްރިނިވާސް އާއި އަބިޖީތު ޓްރިޕަންކަރްގެ ޕެއާ އާއެވެ. މި މެޗުން ރާއްޖޭގެ ޕެއަރ ބަލިވީ 25-7، 25-1 ގެ ނަތީޖާއަކުން ސީދާ ދެ ސެޓުންނެވެ.

Ad by Hajj Corporation
މުބާރާތުގެ ޑަބަލްސް އިވެންޓްގައި ރާއްޖޭން ދެން ވާދަކުރި އާދަމް އަދީލް އާއި އިބްރާހިމް ހުޖާން އަލީ އަށް ވަނީ ފުރަތަމަ ބުރުން ނާކާމިޔާބުވެފައެވެ. މި ދެ ކުޅުންތެރިންގެ ޕެއަރ އަތުން ސްރީ ލަންކާގެ ނިމްނެއިތު ޕެއިރިސް މޮޅުވީ 2-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ލަންކާގެ ޕެއަރ ގެންދިޔައީ 25-14، 14-17 އާއި 25-14 އިންނެވެ.
ބާސެލޯ ނަސަންދުރާގައި ބާއްވާ މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި މުޅި ދުނިޔޭގެ އެކި ބައްރުތަކުން 20 އަށް ވުރެ ގައުމުން ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ކުޅުންތެރިން ވާދަކުރާނެއެވެ.
ކެރަމް ވޯލްޑް ކަޕަކީ އައީސީއެފް އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ މީގެ 11 އަހަރު ކުރީން، 2014 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ ސަން އައިލެންޑް ރިސޯޓުގައެވެ.
މިއީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެން ޓީމް އިވެންޓުން ބްރޯންޒް މެޑެލް ހާސިލްކޮށްފައެވެ.


