ަދިވެހި ސަރުކާރުން ދިން 50،000 ޑޮލަރު، ލަންކާގެ ސަރުކާރާ ހަވާލުކޮށްފި
2 ޑިސެމްބަރު 2025 - 15:44

ސްރީލަންކާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެގައުމަށް ލިބެމުންދާ ގެއްލުމުން އަރައިގަތުމަށް އެހީއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު، ލަންކާގެ ސަރުކާރާ ހަވާލުކޮށްފިއެވެ.
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާއަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ދިވެހި ސަރުކާރުން 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް ހަދިޔާކުރަން ނިންމިކަން ސަރުކާރުން ހާމަކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

Ad by Hajj Corporation
މީގެ ތެރެއިން 50 ހާސް ޑޮލަރުގެ ފައިސާގެ އެހީ މިއަދު ވަނީ ސްރީލަންކާ ސަރުކާރާއި ހަވާލުކުރައްވާފައެވެ.
ރާއްޖެއިން ހަދިޔާކުރި ފައިސާގެ އެހީ ލަންކާ ސަރުކާރާއި ހަވާލުކޮށްދެއްވީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަސްޢޫދު އިމާދުއެވެ. ލަންކާ ސަރުކާރުގެ ފަރާތުން މިއެހީއާ ހަވާލުވެވަޑައިގަތީ އެޤައުމުގެ ޚާރިޖީ ވަޒީރު ވިޖިތާ ހެރަތުއެވެ.
މިކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު ވިޖިތާ ހެރަތު ވަނީ، އެ ޤައުމަށް ދިމާވެފައިވާ ހިތާމަވެރި މި ހާލަތުގައި ލަންކާ ރައްޔިތުންނާއެކު ތިބިކަން ދިވެހިރައްޔިތުން ހާމަކޮށްދިނުމަކީ ދެ ޤައުމުގެ މެދުގައި އޮތް ވަރުގަދަ ގުޅުން ދައްކުވައިދޭ ކަމެއްކަމަށް ވިދާޅުވެފައެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ސަރުކާރުން ދޭން ނިންމި 50 ހާސް ޑޮަލަރުގެ އިތުރުން، ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން އިސްނަގައިގެން ރާއްޖޭގެ 37 މީޑިއާއެއްގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިޔަ ޓެލެތޯންގެ ތެރެއިން ވެސް ބޮޑު އެހީއެއް ފޯރުކޮށްދީފައިވެއެވެ. އެގޮތުން މި ޓެލެތޯން މެދުވެރިކޮށް، 800،000 އަށްވުރެ ގިނަ ޑޮލަރު ލަންކާއަށް އެހީގެ ގޮތުގައި ދީފައިވެއެވެ.
މީގެއިތުރުން، އަމިއްލަ ވިޔަފާރިތަކުން ވެސް ލަންކާއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ލަންކާއަށް އެހީތެރިވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި، 2.4 މިލިއަނަށްވުރެ ގިނަ ފައިސާ، އެހީގެ ގޮތުގައި ލަންކާއަށް ފޯރުކޮށްދެވޭ ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވަނީ ވިދާޅުވެފައެވެ.


