ސަކާގެ ގޯލާއެކު އާސެނަލް މޮޅުވެ އެއްވަނައިގައި ލީޑު ފުޅާކޮށްފި
4 ޑިސެމްބަރު 2025 - 04:36

މިކޭލް މެރީނޯ އާއި ބުކާޔޯ ސާކާ ޖެހި ދެ ގޯލާއެކު އާސެނަލްއިން ބްރެންޓްފޯޑް ބަލިކޮށް، ޕްރިމިއާ ލީގުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް އަލުން ގާއިމުކޮށްފައެވެ. މި މޮޅާއެކު އާސެނަލް ޖެހިޖެހިގެން ބަލިނުވުމުގެ ސިލްސިލާ 18 މެޗަށް ދިގުދެމިގެންދިޔައިރު، މިމޮޅަކީ އެ ޓީމުގެ ދަނޑުގައި ޖެހިޖެހިގެން ހޯދި އަށްވަނަ މޮޅެވެ.
މިމެޗުގައި މިކޭލް އާޓޭޓާ ވަނީ މިދިޔަ އާދީއްތަ ދުވަހު ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ތިން ބަދަލެއް ގެނެސްފައެވެ. އެގޮތުން ބެން ވައިޓް، ނޯނީ މަޑުއެކޭ އަދި ކެޕްޓަން މާޓިން އޯޑެގާޑް ވަނީ ފުރަތަމަ އެގާރައަށް އަނބުރާ އައިސްފައެވެ. މެޗުގެ 11 ވަނަ މިނެޓުގައި އާސެނަލްގެ ފުރަތަމަ ގޯލު ޖެހިއިރު، އެ ގޯލު ޖެހީ މިކޭލް މެރީނޯއެވެ. މި ގޯލަކީ ރައިޓް-ބެކް ވައިޓް ނެގި ހުރަސް، އާސެނަލްގެ އެންމެ ކުރީގައި ކުޅެން ޖެހިފައިވާ މިކޭލް މެރީނޯ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

Ad by Hajj Corporation
ކައި ހާވަޓްޒް، ގެބްރިއެލް ޖީސަސް އަދި ވިކްޓަރ ގިޔޯކެރެސް އަށް ދިމާވެފައިވާ އަނިޔާތަކާ ހެދި މެރީނޯ މިހާރު ގިނައިން ކުޅެން ޖެހެނީ ސްޓްރައިކަރުގެ މަޤާމަށެވެ. ރޭގައި މެރީނޯ ޖެހި ގޯލަކީ މި އަހަރު އާސެނަލްއަށް އޭނާ ޖަހައިދިން 13 ވަނަ ގޯލެވެ. މިއާއެކު މެރީނޯ ވެގެން ގޮސްފައިވަނީ މިއަހަރުގައި އާސެނަލްގެ ޓީމަށް އެންމެ ގިނަގޯލުޖަހައިދިން ކުޅުންތެރިޔާއަށެވެ.
މެޗުގެ ދެވަނަ ގޯލު ޖެހީ އިތުރު ވަގުތުގެ ތެރޭގައި ބުކާޔޯ ސާކާއެވެ. މި ގޯލު ޖެހުމުގައި މެރީނޯ ވަނީ މެދުތެރެއިން ސާކާއަށް ރަނގަޅު ބޯޅައެއް ފޯރުކޮށްދީފައެވެ. ކައުންޓަރ އެޓޭކެއްގައި ސަކާ ޖެހިބޯޅަ ގޯލްކީޕަރު ކެލެހަރ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ބޯޅަ ވަނީ ގޯލު ރޮނގު ހުރަސްކޮށްފައެވެ.
މި މޮޅާއެކު އާސެނަލް ވަނީ ލީގުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ގާއިމުކޮށްފައެވެ. މިވަޤުތު ލީގުގެ ދެވަނައިގައި އޮތީ ސިޓީއެވެ.


