logo
Bank of Maldives

Bank of Maldives

ޚަބަރު

ހިޔާނާތުގެ ދައުވާއިން ދިފާއުވާން ބައްސާމް ދައްކާ ވާޙަކަތަކަށް ކުރީގެ ޕީޖީ ޝަމީމްގެ ތަފްސީލީ ރައްދެއް

ޢައްފާން މުޙައްމަދު
4 ޑިސެމްބަރު 2025 - 07:08
ހިޔާނާތުގެ ދައުވާއިން ދިފާއުވާން ބައްސާމް ދައްކާ ވާޙަކަތަކަށް ކުރީގެ ޕީޖީ ޝަމީމްގެ ތަފްސީލީ ރައްދެއް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާ އިން ފޮނުވި ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ބުނެ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރާ ދައުވާތައް ރާއްޖޭގެ ކޯޓުތަކަށް ބެލުމުގައި ހުރަހެއް ނޯންނާކެމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ޙުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

އެފްއޭމްއެމް އަށް ފީފާއިން ފޮނުވި ފައިސާތަކަކަށް ހިޔާނާތްތެރިވެ، މަނީ ލޯންޑާ ކުރުމުގެ ކުށުގައި ނުވަ އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ދައުލަތުން ކުރަނީ ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު (18 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އަށް ބައްސާމް ހިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައިގައި ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރާ ދައުވާތައް ފީފާގެ ހުއްދަ ނެތި ނުބެލޭނެ ކަމަށް އޭނާގެ ފަރާތުން ކޯޓުގައި ބުނެފައިވެއެވެ.

ބައްސާމްގެ ވަކީލުން ބުނީ ބައްސާމް ހިޔާނާތްތެރިވި ކަމަށް ބުނަނީ ފީފާއިން ފޮނުވި ފައިސާތަކަކަށް ކަމަށާއި ފީފާގެ އުސޫލުތައް އޮންނަ ގޮތުން ފީފާގެ ހުއްދަ ނެތި އެފަދަ މައްސަލަތައް ނުބެލޭނެ ކަމަށެވެ. އެ ފައިސާ ދިނީ އެފްއޭއެމްއަށް ކަމަށް ވިޔަސް، އެއީ ފީފާގެ ފައިސާތަކަކަށް ވާތީ އެ މައްސަލަ ބެލުމުގައި ފީފާގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ވަކީލުން ފާހަގަކުރި އެވެ. އަދި އެފަދަ ކަންކަމަށް ގައުމުތަކުގެ އިދާރާތަކަށް ނުވަދެވޭނެ ކަމަށް ވެސް ވަކީލުން ބުންޏެވެ.

މި ކަންތައްތަކަށް އަލިއަޅުވާލައި، ވަރަށް ތަފުސީލީގޮތެއްގައި ޝަމީމް ވަނީ އަމިއްލަފުޅު ބްލޮގުގައި ލިއުމެއް ޝާއިއުކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ޕްރޮސިކިއުޓަރ ޖެނެރަލަށް ވަރަށް އާދަޔާ ޚިލާފު ބާރެއް ދީފައިވާކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާ (ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތާއި ބާރުތައް) ގެ (ޅ) ގައި އޮންނަނީ؛ "ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މިނޫންގޮތަކުންވެސް މިފަދަ ކަމެއްގެ މަޢުލޫމާތު ލިބިއްޖެ ހިނދެއްގައި، އެ ކަމެއް ތަޙުޤީޤުކުރުމުގެ އަމުރު ނެރުން ރަނގަޅުކަމަށް އޭނާއަށް ފެންނަ ކަންކަމުގައި އެ އަމުރު ނެރުން" އެއީ ޕީޖީގެ ބާރެއްކަމަށެވެ.

އެ ބާރުގެ ދަށުން އޭނާގެ ޕީޖީ ކަމުގައި ތިން އަމުރެއް ނެރެފައިވާނެ ކަމަށާއި އޭގެތެރެއިން އެއް އަމުރަކީ އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކުރި އަމުރުކަން ޝަމީމް ފާހަގަކުރެއްވިއެވެ.

މިމައްސަލަ ބެލުމުގެ އިޚްޠިޞާޞް ދިވެހިރާއްޖެއަށް ނުލިބޭނެ ކަމަށް ބައްސާމްގެ ވަކީލުން ބުނެފައިވާއިރު، ޤާނޫނުލްޢުޤޫބާތުގެ 13 ވަނަ މާއްދާ (ޤާނޫނުގެ ބާރު ހިނގާ ދާއިރާ) އިން އެ މައްސަލަ ރާއްޖެއަށް ބެލޭނެކަމަށް ޝަމީމް ވިދާޅުވިއެވެ. އެ މާއްދާގައި ބުނާގޮތުން ކުށެއްގެ ރުކުނެއް ކަމުގައިވެދާނެ ޢަމަލެއް ދިވެހިރާއްޖޭގައި ހިނގާ ހިނދު އެ ކުށަކަށް ރާއްޖޭގެ ޤާނޫނުގެ އިޚްޠިޞާޞް ލިބެއެވެ. މިޙާލަތުގައި، ޚިޔާނާތުގެ ޢަމަލު ހިނގީ ރާއްޖޭގައިކަމަށް ވާތީ، ޢަމަލުގެ ރުކުނުގެ ތެރެއިން ރާއްޖެއަށް ބާރުލިބެއެވެ. ޝަމީމް ވިދާޅުވީ އެ މާއްދާގެ (3) ވަނަ އަކުރުގައި އޮންނަނީ، ކުށްކުރީ ކޮންމެ ތަނެއްގައިކަމަށްވީ ނަމަވެސް، ދިވެހިރައްޔިތަކު ނުވަތަ ދިވެހިރާއްޖޭގައި ދިރިއުޅުން ބިނާވެފައިވާ މީހަކު ކުރާ ކުށް ބެލުމުގެ ބާރު ދިވެހިރާއްޖޭގެ އިދާރާތަކަށް ލިބޭގޮތަށް ކަމަށެވެ.

މި ފައިސާއަކީ ފީފާގެ ފައިސާކަމަށްވާތީ، ފީފާގެ ހުއްދަނެތި މި މައްސަލަ ނުބެލޭނެކަމަށް ބައްސާމްގެ ފަރާތުން ބުނާ ނުކުތާއަށް ރައްދު ދެއްވަމުން ޝަމީމް ވިދާޅުވީ، ފީފާއިން މި ފައިސާ އެފްއޭއެމްއަށް ދިން ސަބަބާމެދު ވިސްނާލަންޖެހޭ ކަމަށެވެ. ފީފާގެ އަސާސީ ގަވާއިދުގެ 11 ވަނަ މާއްދާގެ 1 ވަނަ ނަންބަރު ބުނާގޮތުން، ފީފާގެ މެންބަރަކަށް ވެވެނީ ކޮންމެ ޤައުމަކުން އެންމެ ޖަމްޢިއްޔާއަކަށް ކަމާއި އެޖަމްޢިއްޔާއަކީ އެ ޤައުމެއްގެ ފުޓުބޯޅަ ތަމްސީލުކުރާ ރަސްމީ އިދާރާކަމަށް އަދި ރާއްޖޭގައި އެ ދައުރު އޮތީ އެފްއޭއެމްއަށް ކަން ޝަމީމް ފާހަގަކުރެއްވިއެވެ. އެފްއޭއެމަށް އެ ދައުރު ލިބުނީ ސަރުކާރުގެ ހުއްދައާއެކުގައިކަމަށް ވާއިރު، ސަރުކާރުގެ ޝަރުޠަކީ ދިވެހިރާއްޖޭގައި ފުޓުބޯޅަ ތަރައްޤީކުރުން ކަމަށާއި ވީމާ، އެފްއޭއެމްއަށްލިބޭ ފައިސާއަކީ ޙަޤީޤަތުގައި ދިވެހިރާއްޖޭގެ ފުޓުބޯޅަ ތަރައްޤީކުރަން، ދިވެހި ރައްޔިތުންނަށް ލިބޭ ފައިސާއެއްކަން ޝަމީމް ފާހަގަކުރެއްވިއެވެ.

ފީފާ މެދުވެރިކޮށް ލިބުނަސް، ނުވަތަ އެނޫން ޖަމްޢިއްޔާއެއް މެދުވެރިކޮށް ލިބުނަސް، އެ ފައިސާއަކީ ޙަޤީޤަތުގައި ދިވެހި ރައްޔިތުންނަށް ލިބޭ ފައިސާއެއް ކަމަށްވާއިރު ޚިޔާނަތްތެރިވެވެނީ ދިވެހި ރައްޔިތުންގެ ޙައްޤަކަށް ކަމަށް ޝަމީމް ވިދާޅުވިއެވެ.

އަދި ފީފާއިން ދޭ ފައިސާ، ރާއްޖޭގެ އެއްވެސް އިދާރާއަކަށް ނުބެލޭގޮތަށް ގެންގުޅެވޭނެކަމަށް ދެކުމަކީ، މަނީ ލޯންޑަރިންގ ހުއްޓުވުމާބެހޭ ޤާނޫނާވެސް އިދިކީލި މަފްހޫމެއް ކަމަށާއި ރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ އެއްބަސްވުންތަކާވެސް ޚިލާފުވާނެ ވާހަކައެއްކަމަށް ޝަމީމް ވިދާޅުވިއެވެ.

މިމައްސަލަ ބަލައިފިނަމަ، ފީފާއިން ދިވެހި ފުޓުބޯޅަ ސަސްޕެންޑްކޮށްފާނެކަމުގެ ކަންބޮޑުވުން ބައްސާމް އަދީލް ޖަލީލުގެ އޮތްކަމަށް ކޯޓުގައި ބުނެފައިވާތީ، މިމައްސަލައާ ގުޅިގެން ފީފާއިން ރާއްޖެ ސަސްޕެންޑް ކުރެވިދާނެތޯ ނުވަތަ ނޫންތޯ އެއީ ފީފާއިން ނިންމާނެ ކަމެއް ކަމަށާއި ސަސްޕެންޑް ކުރިއަސްވެސް، އެކަމަކީ ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ހުށަހެޅި ހިނގަމުންދާ މައްސަލަ ނުބެލޭންވީ ސަބަބެއްނޫ ނޫންކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ތަބާވާންޖެހޭކަމަށް ޤާނޫނުއަސާސީއާއި ޤާނޫނުގައި އޮތް ކަންކަމުގެ ތެރޭގައި ފީފާއިން ނިންމާފާނެ ގޮތަކަށް ބެލުމަކީ އޮތް ކަމެއްވެސް ނޫން ކަމަށާއި ފީފާއާ ގުޅުވައިގެން ދައްކާ ވާހަކައަކީ ޚުރާފާތެއް ކަމަށް ޝަމީމް ވިދާޅުވިއެވެ.

އަދި މި ބިރުވެރިކަން ބައެއް ފަރާތްތަކުގެ ހިތުގައި އޮތީތީ، މާޒީގައި ހިނގާފައިވާ މިފަދަ ކަމެއްގެ ތަފްސީލު ވެސް ޝަމީމް ހިއްސާކުރެއްވިއެވެ.

އެގޮތުން، 2015 ވަނަ އަހަރު އެމެރިކާގެ ޕްރޮސިކިއުޓަރުން، ފީފާއާއި ކޮންކާކަފްގެ އޮފިޝަލުންގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާގެ ވާހަކަ ޝަމީމް ހިއްސާކުރެއްވިއެވެ. އެފަހަރު ޕްރޮސިކިއުޓަރުން ތުހުމަތުކުރީ، 1991 އާއި 2015 އާ ދެމެދު، ފުޓުބޯޅައާ ގުޅުންހުރި ކަންކަމުގައި 150 މިލިއަން ޑޮލަރުގެ ކޮރަޕްޝަން ހިންގާފައި އޮތްކަމަށެވެ. އެ ހުރިހާކަމެއް ހިނގައި ނިމުނުއިރުވެސް އެމެރިކާގެ ފުޓުބޯޅައެއް ފީފާއިން ސަސްޕެންޑް ނުކުރާ ކަމަށާއި ވީމާ، ކޮރަޕްޝަންގެ މައްސަލައެއް ބަލައި ފިޔަވަޅު އެޅުމަކީ ފީފާއިން ޤައުމެއް ސަސްޕެންޑްކުރާނެ ކަމެއް ނޫންކަމަށް ޝަމީމް ވިދާޅުވިއެވެ.

ފީފާއިން ޤައުމެއް ސަސްޕެންޑް ކުރަނީ، ތިންވަނަ ފަރާތެއްގެ ނުފޫޒެއްގެ ދަށުން އެޤައުމެއްގެ ނެޝަނަލް އެސޯސިއޭޝަން ހިންގުމުގެ ކަންކަމާ ބެހި ހަދާނަމައެވެ. ޕާކިސްތާނުގެ ފުޓުބޯޅަ އެސޯސިއޭޝަން ފީފާއިން ސަސްޕެންޑްކުރީ ލާހޯރުގެ ހައިކޯޓުން ޢައްޔަންކުރި އެޑްމިނިސްޓްރޭޓަރަކު ފުޓުބޯޅަ އެސޯސިއޭޝަން ހިންގުމާ ޙަވާލުވުމުންނެވެ. ހިންގުމުގެ ދާއިރާއަށް ވަނުމަކީ ފީފާއިން ނުރުހޭ ކަމެއްކަމަށްވީ ނަމަވެސް، ކޮރަޕްޝަންގެ މައްސަލައެއް ބަލައިގެން ފީފާއިން އެއްވެސް ޤައުމެއް ސަސްޕެންޑް ކޮށްފައިނުވާކަން ޝަމީމް ފާހަގަކުރެއްވިއެވެ. ރާއްޖެއަށް ފީފާގެ ސަސްޕެންޝަނެއްގެ ބިރު ނެތީ އެ ސަބަބަށްޓަކައިކަމަށް ޝަމީމް ވިދާޅުވިއެވެ. ކޯޓުގައި އޮތް މައްސަލައަކީ އެފްއޭއެމްގެ ހިންގުމާބެހޭ މައްސަލައެއް ނޫންކަން ވެސް ޝަމީމް ފާހަގަކުރެއްވިއެވެ.

ބައްސާމާ ދެކޮޅަށް ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލައަކީ، ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު ނުވަތަ 18 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ބައްސާމް ޚިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލައިގައި ވެސް ބައްސާމްގެ މައްޗަށް ޚިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ވަނީ ކޮށްފައެވެ. ހައިކޯޓަށް ހުށަހަޅައިގެން މި އުޅެނީ ވެސް މި މައްސަލައިގެ ތެރެއިން އުފެދުނު ހުސޫމާތެކެވެ.

މި މައްސަލައިގައި ދަށު ކޯޓު މަރުހަލާގައި މިހާރު އޮތީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. މި މައްސަލައިގައި އެފްއޭއެމްގެ ކުރީގެ އިސްވެރިންނާއި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިޔާނާތުގެ ދައުވާއިން ދިފާއުވާން ބައްސާމް ދައްކާ ވާޙަކަތަކަށް ކުރީގެ ޕީޖީ ޝަމީމްގެ ތަފްސީލީ ރައްދެއްޚަބަރު | ގަޑިއިރެއް ކުރިންކުއްލި ޚަބަރު: އެފްއޭއެމް ހިޔާނާތުގެ ކުށް ސާބިތުވެ ބައްސާމް ޖަލަށްލާން ހުކުމްކޮށްފިޚަބަރު | 2 މަސް ކުރިންބައްސާމްއާ ދެކޮޅަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލުކޮށްފި ޚަބަރު | 5 މަސް ކުރިންޝަމީމަށް ހަމަލާދިން މައްސަލަ އިސްތިއުނާފަށްޚަބަރު | 6 މަސް ކުރިން