ބައްސާމަށް އިތުރު 23 އަހަރު ޖަލުގައި ހޭދަކުރަން ޖެހިއްޖެ
6 ޖެނުއަރީ 2026 - 10:06

ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ފީފާއިން ދިން 1.2 މިލިޔަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލާގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވެ، އޭނާ އިތުރު 23 އަހަރަށް ޖަލަށް ލުމާއެކު 44 މިލިޔަން ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފިއެވެ.
ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން ފޮނުވި ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި ބައްސާމަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ދައުލަތުން އެދުނެވެ.
މި ހުކުމް އިއްވިއިރު، އޭނާ ހުރީ ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަން ޖަލު ބަންދުގައެވެ. އެއީ އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވުމުގެ މައްސަލައެއްގައި އިއްވާފައިވާ ހަތަރު އަހަރުގެ ޖަލު ހުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައެއްގައި އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމެކެވެ.
ކްރިމިނަލް ކޯޓުގެ ޝަރިއަތުން ސާބިތުވެފައިވާ ގޮތުގައި ކޮވިޑް-19 ރިލީފް ލޯނުގެ ގޮތުގައި ލިބުނު ފައިސާ، ބައްސާމް ބޭނުން ކޮށްފައިވަނީ އަމިން އެވެނިއުގެ ދެ ޕެންޓްހައުސެއް ގަތުމަށެވެ. އެކަން ކޮށްފައިވަނީ ދައުވާގައިވާ ގޮތުން ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމްއިން ފައިސާ ނެރުމަށްފަހު އެފައިސާ އެޕާޓްމެންޓް ގަތުމަށް އަމިންއަށް ޖަމާކޮށްގެންނެވެ.
ބައްސާމްގެ މައްޗަށް ޖުމްލަ 23 އަހަރުގެ ހުކުމް އައީ، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 15 އަހަރުގެ ހުކުމަކާއި، ޚިޔާނާތުގެ ކުށަށް އަށް އަހަރު ޖަލު ހުކުމެއް އިއްވުމުންނެވެ. މި މައްސަލައިގައި ދައުލަތުން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ވެސް ދައުވާކޮށްފައިވެއެވެ. އެހެންނަމަވެސް އަމިން ކޮންސްޓްރަކްޝަން ވަނީ އެ މައްސަލައިން ބަރީއަވެފައެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ބައްސާމް ގަނެފައިވާ އެ އެޕާޓްމެންޓްތައް، ކޯޓު އަމުރެއްގެ ދަށުން 2024 އޮކްޓޯބަރު މަހު ފުލުހުންނާ ހަވާލުކޮށްފައިވާއިރު، އެ އަމުރު އިސްތިއުނާފު ކުރަން ބައްސާމްގެ ފަރާތުން ހައިކޯޓަށް ވަނީ ހުށަހަޅާފައެވެ. އެހެން ނަމަވެސް އެ ކޯޓުން ވަނީ އެ މައްސަލަ ބަލައިނުގަންނަން ނިންމާފައެވެ.


