މިއީ އެއްވެސް ރައީސަކު ނުދޭ ފުރުސަތެއް، ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރައްވާ: މެމްބަރު މުސްތަފާ
4 ޑިސެމްބަރު 2025 - 11:35

ރައްޔިތުން ވެރިމީހާއާ ކުރަން ބޭނުންވާ ސުވާލެއް ކުރުމުގެ ފުރުސަތު މީގެ ކުރިން އެއްވެސް ވެރިކަމަކު ދީފައިނުވާކަމަށާއި، މި ސަތުކާރުން އެ ފުރުސަތު ފުރަތަމަ ފަހަރަށް ފަހިކޮށްދީފައިވާއިރު ވީހާވެސް ގިނަ ރައްޔިތުން މި ފުރުސަތުގެ ބޭނުން ހިފުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވާއިރު ތާޖުއްދީން ސްކޫލުގައި ހުންނަވައި މެންދުރަށް ދެއްވި އިންޓަވިއުއެއްގައި މެމްބަރު ވިދާޅުވީ ރައީސް މުއިއްޒު ބޭނުންފުޅުވަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު ސަރުކާރު ހިންގަވަންކަމަށެވެ.

Ad by Hajj Corporation
"އެއްވެސް ރައީސެއްގެ ފަރާތުން ނުލިބޭ ފުރުސަތެއް ހަގީގަތުގައި ރައީސް މުއިއްޒުގެ ފަރާތުން މި ލިބިގެންދަނީ. އަޅުގަނޑުގެ އިލްތިމާސްއަކީ އަވަހަށް މި ފުރުސަތުގެ ބޭނުން ހިފާށޭ. މާފަންނު ރައްޔިތުންވެސް މާފަންނުގައި ދިރިއުޅޭ ރައްޔިތުންވެސް މިރޭ ވަޑައިގެން އެބޭފުޅެއްގެ ޝަކުވާތައް ނުވަތަ ކަންބޮޑުވާ ކަންކަން ރައީސްއާ ހިއްސާކުރައްވާށޭ." މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ
ރައީސުލްޖުމްހޫރިއްޔާ މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން އޮންނާނީ މިރޭ 20:30ގައި، ތާޖުއްދީން ސްކޫލްގައެވެ. މާފަންނުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމަށްވަނީ ދަޢުވަތު އަރުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިބައްދަލުވުންތަކަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރަން ބޭނުންވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކެކެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން މިހާރު ވިލިމާލެ އަދި މައްޗަންގޮޅި ރައްޔިތުންނާއެކު ރައީސްވަނީ މިފަދަ ބައްދަލުވުންތައް ބާއްވާފައެވެ.


