'ބަންޑާރަ' މީޑިއާއިން ސަރުކާރާ އިދިކޮޅު ހަރަކާތްތައް ގެނެސް ދޭކަށް ނުޖެހޭނެ: އެމްޕީ މުސްތޮ
27 އޭޕްރީލު 2026 - 05:43
.webp&w=3840&q=75)
'ބަންޑާރަ' މީޑިއާގެ ޒިންމާއަކީ ސަރުކާރުން ކުރާ ކަންކަމުގެ މައުލޫމާތު އޭގެ އެންމެ ސައްހަ ކަމާއެކު ރައްޔިތުންނަށް ފޯރު ކޮށްދިނުން ކަމަށާއި ސަރުކާރާ އިދިކޮޅު ހަރަކާތްތައް 'ބަންޑާރަ' މީޑިއާއިން ގެނެސް ދީގެން ނުވާނެ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހްމަދު ނަސީމް ވަނީ ޕަބްލިކް ސަރވިސް މީޑިއާއާ މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ސިޔާސީ ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، ދިވެހި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ނުދީ، ޤާނޫނުގައި ބަޔާންކުރާ އެޑިޓޯރަލް މިނިވަންކަން ކަށަވަރުކޮށް ނުދިން މައްސަލައާ ގުޅިގެން، މިކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ގަރާރެއް ހުށަހަޅުއްވާފައެވެ.

Ad by Hajj Corporation
މި ގަރާރުގެ އިބްތިދާއީ ބަހުސް ގައި ވާހަކަ ދައްކަވަމުން މެމްބަރު މުސްތަފާ ވިދާޅުވީ ދައުލަތުން ކުރާ ކަންކަމާ ސަރުކާރުން ހިންގާ ކަންކަމާއި އަދި ދައުލަތުގެ އެކި މުއައްސަސާތަކުން ހިންގާ ކަންކަން ޕީއެސްއެމް އިން ގެނެސްދޭން ޖެހޭނެ ކަމަށެވެ. ވިދާޅުވީ އެއީ އެބޭފުޅުންގެ ޒިންމާއާއި ވާޖިބު ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވެސް ފެނިގެންދިޔައީ ޕީއެސްއެމް އިން ހަމަ ހަމަ އުސޫލަކުން މަސައްކަތް ކުރެއްވި މަންޒަރު ކަމަށް ވިދާޅުވިއެވެ.
މުސްތަފާ ވިދާޅުވީ ބަންޑާރަ މީޑިއާ ބަންޑާރަ މީޑިއާ އަށް ވާންޖެހޭނެ ކަމަށާއި، ސަރުކާރުން ކުރާ ކަންކަމުގެ މައުލޫމާތު އޭގެ އެންމެ ސައްހަ ކަމާއެކު ރައްޔިތުންނަށް ފޯރު ކޮށްދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް ސަރުކާރާ އިދިކޮޅު ހަރަކާތްތައް ގެނެސް ދީގެން ނުވާނެ ކަމަށާއި އެއީ ބަންޑާރަ މީޑިއާއިން ކުރަންޖޭހެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
ޕަބްލިކް ސާވިސް މީޑިއާ، ބަންޑާރަ ޓީވީ ގޮތުގައި ބޭނުންކުރާ ނަމަ އަންނަން ޖެހޭނީ ބަންޑާރަ ވާހަކަ. ބަންޑާރައިން ރައްޔިތުންނަށް ކޮށްދޭ ކަންކަމުގެ ވާހަކަ. އެނޫންގޮތަކަށް ނުގެނެވޭނެ. ގެނެސް ދީގެންވެސް ނުވާނެ. މިއީ ގަރާރެއް ހުށަހަޅައިގެން ބަހުސް ކުރަންޖެހޭ ވަރުގެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން: މުސްތޮ
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިގަރާރު ހުށަހަޅުއްވާ، މެމްބަރު މީކާއިލް ނަަސީމް ވިދާޅުވީ ބަންޑާރަ މީޑިއާއަކީ ދައުލަން ހަރަދު ކޮށްގެން ހިންގާ މީޑިއާއަކަށް ވީއިރު، ހުރިހާ ސިޔާސީ ޕާޓީއަކަށް ވެސް ހަމަ ހަމަ ފުރުސަތު ހޯދާދޭންޖެހޭ ކަމަށެވެ. އެހެންނަމަވެސް ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ފެނިގެންދިޔައީ ފީއެސްއެމް އަކީ ސަރުކާރު ހިންގާ ޕީއެންސީގެ މީޑިއާ ވިންގެއް ގޮތުގައި އޮތް މަންޒަރު ކަމަށް މީކާއީލް ވިދާޅުވިއެވެ.


