ކެރަމް ވޯލްޑް ކަޕް: އަންހެނުންގެ ޓީމް އިވެންޓްގެ ފުރަތަމަ ދެ މެޗުން ވެސް ރާއްޖެ މޮޅުވެއްޖެ
4 ޑިސެމްބަރު 2025 - 11:50

މިހާރު ކުރިއަށްދާ ހަތްވަނަ ކެރަމް ވޯލްޑް ކަޕްގެ އަންހެނުންގެ ޓީމް އިވެންޓްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުން ވެސް ރާއްޖެ މޮޅުވެއްޖެއެވެ.
މުބާރާތުގެ އަންހެނުންގެ ޓީމް އިވެންޓްގެ ފުރަތަމަ މެޗުގައި ރާއްޖޭން ވަނީ މެލޭޝިއާ އަތުން ސީދާ ތިން ގޭމުން މޮޅުވެފައެވެ.

Ad by Hajj Corporation
އެގޮތުން، މި އިވެންޓްގައި ޑަބަލްސްގައި ރާއްޖޭގެ އައިޝަތު ފައިނާޒް އާއި ފާތިމަތު ރަޔާނާގެ ޕެއާ ވަނީ ސީދާ ދެ ސެޓުން މެލޭޝިއާގެ މަސްނޫރާ ބަލިކޮށްފައެވެ. މި މެޗުގެ ދެ ސެޓުން ވެސް ފައިނާޒް އާއި ރަޔާނާގެ ޕެއާ މޮޅުވީ 25-0 އިންނެވެ.
މި އިވެންޓްގައި ކުޅުނު ސިންގަލްސް މެޗުގައި ރާއްޖޭގެ އައިޝަތު ނަހުފާ ވަނީ ސީދާ ދެ ސެޓުން މެލޭޝިއާގެ ނޯރް އައިނީ ބަލިކޮށްފައެވެ. މި މެޗުން ނަހުފާ މޮޅުވީ 25-5، 25-17 އިންނެވެ.
ސިންގަލްސް ދެވަނަ މެޗުގައި ރާއްޖޭގެ އައިމިނަތު ވިދާދް ވަނީ ސީދާ ދެ ސެޓުން މެލޭޝިއާގެ ސުޒާނާ ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ވިދާދް ކާމިޔާބުކުރީ 25-0، 25-5 އިންނެވެ.
އަންހެނުންގެ ޓީމް އިވެންޓްގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގެ ސިންގަޕޫރު އަތުން ވެސް ރާއްޖެ ވަނީ ސީދާ ތިން ގޭމުން މެޗު ކާމިޔާބުކޮށްފައެވެ.
ޑަބަލްސް މެޗުގައި ރާއްޖޭގެ ފައިނާޒް އާއި ނަހުފާގެ ޕެއާ ވަނީ ސީދާ ދެ ސެޓުން ސިންގަޕޫރުގެ ސްރިވިދްޔާ އާއި ކަނަކަވާލީގެ ޕެއާ ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ފައިނާޒް އާއި ނަހުފާގެ ޕެއާ ގެންދިޔައީ، 25-1، 25-4 އިންނެވެ.
ސިންގަލްސް ފުރަތަމަ މެޗުގައި ރާއްޖޭގެ ވިދާދް ވަނީ ސީދާ ދެ ސެޓުން ސިންގަޕޫރުގެ ކަލްޕަނާ ބަލިކޮށްފައެވެ. މި މެޗުން ވިދާދް މޮޅުވީ 25-6، 25-4 އިންނެވެ.
ސިންގަލްސް ދެވަނަ މެޗުގައި ރަޔާނާ ވަނީ 2-1 ސެޓުން ސިންގަޕޫރުގެ ސިރީޝާ އަތުން މޮޅުވެފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 24-13 އިން ރަޔާން ގެންގޮސްފައިވަނިކޮށް، ސިރީޝާ ވަނީ ވާދަވެރި ކުޅުމަކަށްފަހު 22-18 އިން ކާމިޔާބުކޮށްފައެވެ. ނަމަވެސް، ދެން ޖެހިގެންއައި ސެޓުގައި މާބޮޑު ވާދަވެރިކަމެއްނެތި ރަޔާނާ ވަނީ 24-13 އިން ކުރިހޯދާފައެވެ.
އަންހެނުންގެ ޓީމް އިވެންޓްގައި ރާއްޖޭ ހިމެނުނު ގްރޫޕް ބީ ގައި ދެން އޮތީ މެލޭޝިއާގެ އިތުރުން ސިންގަޕޫރާއި ސްރީ ލަންކާ އެވެ.
ބާސެލޯ ނަސަންދުރާގައި ބާއްވާ މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި މުޅި ދުނިޔޭގެ އެކި ބައްރުތަކުން 17 އަށް ވުރެ ޤައުމުން ގާތްގަނޑަކަށް 150 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެ އެވެ.
ކެރަމް ވޯލްޑް ކަޕަކީ އައީސީއެފް އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ މީގެ 11 އަހަރު ކުރީންނެވެ. އެއީ، 2014 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ ސަން އައިލެންޑް ރިސޯޓްގައެވެ.
މިއީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެން ޓީމް އިވެންޓުން ބްރޯންޒް މެޑެލް ހާސިލްކޮށްފައެވެ.


