ކެރަމް ވޯލްޑް ކަޕް: އަންހެނުންގެ ޓީމް އިވެންޓްގައި ސްރީ ލަންކާ ބަލިކޮށް، ރާއްޖެ ސެމީ އަށް
4 ޑިސެމްބަރު 2025 - 13:25
މިހާރު ކުރިއަށްދާ ހަތްވަނަ ކެރަމް ވޯލްޑް ކަޕްގެ އަންހެނުންގެ ޓީމް އިވެންޓްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްރީ ލަންކާ ބަލިކޮށް، ރާއްޖެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ސެމީގައި ރާއްޖޭގެ އަންހެން ޓީމު ނިކުންނާނީ އެމެރިކާއާ ދެކޮޅަށެވެ.

Ad by Hajj Corporation
މުބާރާތުގެ އަންހެނުންގެ ޓީމް އިވެންޓްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖޭން ވަނީ ލަންކާ އަތުން 1-2 ގޭމުން މޮޅުވެފައެވެ.
އެގޮތުން، މި އިވެންޓްގެ ޑަބަލްސް މެޗުގައި ރާއްޖޭގެ އައިޝަތު ނަހުފާ އާއި ފާތިމަތު ރަޔާނާގެ ޕެއާ އަތުން ލަންކާގެ ނިޕުނީ ދިލްރުކްޝީ އާއި ތަރޫޝީ ހިމަހަންޝިކާގެ ޕެއާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ލަންކާގެ ޕެއާ ކާމިޔާބުކުރީ 19-15، 25-0 އިންނެވެ.
ސިންގަލްސް ފުރަތަމަ މެޗުގައި ރާއްޖޭގެ އައިމިނަތު ވިދާދް ވަނީ ސީދާ ދެ ސެޓުން ލަންކާގެ ރޮޝީތާ ބަލިކޮށްފައެވެ. މި މެޗުން ވިދާދް މޮޅުވީ 23-17، 18-16 އިންނެވެ.
ސިންގަލްސް ދެވަނަ މެޗުގައި ރާއްޖޭގެ އައިޝަތު ފައިނާޒް ވަނީ 1-2 ސެޓުން ލަންކާގެ ތަޝްމިލާ ކާވިންދީ ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓުގައި 24-15 އިން ތަޝްމިލާ ކުރިހޯދާފައިވަނިކޮށް، ފައިނާޒް ވަނީ ދެން ޖެހިގެންއައި ސެޓު ވާދަވެރި ކުޅުމަކަށްފަހު 17-16 އިން ކާމިޔާބުކޮށްފައެވެ. އެއަށްފަހު، ދެން ކުޅެވުނު ފަހު ސެޓުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ފައިނާޒް ވަނީ 19-14 އިން ކާމިޔާބުކޮށްފައެވެ.
އަންހެނުންގެ ޓީމް އިވެންޓްގައި ރާއްޖޭ ހިމެނުނު ގްރޫޕް ބީ ގައި ދެން އޮތީ މެލޭޝިއާގެ އިތުރުން ސިންގަޕޫރާއި ސްރީ ލަންކާ އެވެ.
ބާސެލޯ ނަސަންދުރާގައި ބާއްވާ މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި މުޅި ދުނިޔޭގެ އެކި ބައްރުތަކުން 17 އަށް ވުރެ ޤައުމުން ގާތްގަނޑަކަށް 150 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެ އެވެ.
ކެރަމް ވޯލްޑް ކަޕަކީ އައީސީއެފް އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ މީގެ 11 އަހަރު ކުރީންނެވެ. އެއީ، 2014 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ ސަން އައިލެންޑް ރިސޯޓްގައެވެ.
މިއީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެން ޓީމް އިވެންޓުން ބްރޯންޒް މެޑެލް ހާސިލްކޮށްފައެވެ.


