ރާއްޖެއިންވީ އެހީތެރިކަން ފާހަގަކޮށް، ސްރީލަންކާގެ ރައްޔިތުން އެއްވުމެއްް ބާއްވައިފި
5 ޑިސެމްބަރު 2025 - 13:48

ތޫފާނެއްގެ ސަބަބުން ސްރީލަންކާއަށް ދިމާވެފައިވާ ދަތި އުނދަގޫ މި ދަނޑިވަޅުގައި ދިވެހި ރައްޔިތުން އެޤައުމަށް ވެދިން އެހީތެރިކަން ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން ރާއްޖޭގައި އުޅޭ ލަންކާގެ ރައްޔިތުން އެއްވުމެއްް ބާއްވައިފިއެވެ.
ލަންކާ ރައްޔިތުންގެ މި އެއްވުން ބޭއްވީ، ބޮޑުތަކުރުފާނު މަގުގައި ވިލާ ކޮލެޖު ހުންނަ ދިމާލުގައެވެ. މި އެއްވުމަށް ގިނަ އަދަދެއްގެ ލަންކާ ރައްޔިތުން ޖަމާވިއެވެ. ޖަމާވި ލަންކާގެ ރައްޔިތުން ތިބީ، ޝުކުރު ވެރިކަމުގެ ޕޯސްޓަރުތައް ހިފައިގެންނެވެ. މި ހަރަކާތް މިއަދު ހަވީރު 5:00 ޖެހިއިރު ފެށިއިރު، އެއްވުން ކުރިއަށް ގެންގޮސްފައިވަނީ ހަމަހިމޭން އެއްވުމެއްގެ ގޮތުގައެވެ.

Ad by Hajj Corporation
އެއްވުމުގައި ބައިވެރިވެ ވަޑައިގަތުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ރިޒްވީ ޙަސަން ވިދާޅުވީ، ލަންކާއަށް ދިމާވެފައިވާ ހިތްދަތި ދަނޑިވަޅުގައި ރާއްޖެއިން ދިން އެހީތެރިކަން ތާރީޚުގައި ރަން އަކުރުން ލިޔެވޭނެ ކަމަށެވެ.
ލަންކާއަށް ވެދިން އެހީތެރިކަން ފާހަގަކުރައްވަމުން ސަފީރު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި، ދިވެހި ސަރުކާރަށާއި، އަމިއްލަ ވިޔަފާރިވެރިންނަށާއި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ.
ބާރުގަދަ ތޫފަނަކާ ގުޅިގެން ސްރީލަންކާގެ އެތައް ބަޔަކު މަރުވެ، ހިތާމަވެރި އެތައް ހާދިސާއެއް ވަނީ ހިނގާފައެވެ. މަރުވި މީހުންގެ އަދަދު 355އަށް އަރާފައިވާއިރު، ގެއްލުނު މީހުންގެ އަދަދު 366އަށް އަރައެވެ. އަދި ތޫފާނުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސް، ކިސަޑު ފޭބުމުގެ ސަބަބުން 200،000 މީހުން ވަގުތީ ހިޔާތަކަށް ވަނީ ބަދަލުކުރަން ޖެހިފައެވެ.
ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ދަނޑިވަޅުގައި ޤައުމީ މީޑިޔާ ޕީއެސްއެމް އިސްނަގައިގެން ރާއްޖޭގެ އެހެން މީޑިއާތައް ގުޅިގެން އެ ޤައުމަށް އެހީވުމަށް ވަނީ، ޚާއްސަ ޓީވީ ޓެލެތޯނެއް ކުރިއަށް ގެންގޮސްފައެވެ. މި ޓެލެތޯނުގެ ތެރެއިން 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ، ޖަމާވެފައެވެ. އަދި ދިވެހި ސަރުކާރުންވެސް ވަނީ، ލަންކާއަށް 50،000 ޑޮލަރާއި، 25،000 މަސްދަޅު ކޭސް ދީފައެވެ.


