އޮޕަރޭޝަން އަލިމަގު: އައްޑޫއިން 10 ތަނެއް ބަލައި ފާސްކޮށް 10 މީހަކު ހައްޔަރުކޮށްފި
6 ޑިސެމްބަރު 2025 - 06:27

މަސްތުވާ ތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފުލުހުން ކުރިއަށް ގެންދާ “އޮޕަރޭޝަން އަލިމަގު” ގެ ދަށުން, ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑޫ އާބާދީއެއް އޮތް އައްޑޫ ސިޓީގެ 10 ތަނެއް ބަލައި ފާސްކޮށް، 10 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، އޮޕަރޭޝަން އަލިމަގުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހަތާނަށް ކޯޓު އަމުރެއްގެ ދަށުން 10 ތަނެއް ބަލައިފާސްކޮށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

Ad by Hajj Corporation
މި މީހުންގެ ތެރެއިން 6 މީހަކު ކޯޓަށް ހާޒިރުކުރެވި ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އިތުރު މީހަކު އިއްޔެ، ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކޮށްފައިވެއެވެ.
އެއީ ސ. ހިތަދޫ / ގުލްކަނދުގެ، އުމުރުން 36 އަހަރުގެ ޙަސަން ނަޒީފް އެވެ. އޭނާ ކޯޓަށް ހާޒިރުކުރުމުން 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
އައްޑޫގެ ޑްރަގް ބޮޑުން ހޯދުމަށް ފުލުހުން ފެށި އޮޕަރޭޝަންގެ ދަށުން މިދިޔަ ބުދަ ދުވަހުގެ ރޭ ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން ބުރާސްފަތި ދުވަހުގެރޭ ވަނީ އާންމުކޮށްފަ އެވެ.
އެގޮތުން ހައްޔަރުކޮށްފައި ވަނީ، ސ.ހިތަދޫ / ކޮންމުލި، ޢަލީ ނަދީމް (30އ) އާއި ސ. ހިތަދޫ / ފަލާޙް، ހާފިޡު ފައުޒީ (31އ) އާއި ސ. ހިތަދޫ / ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު (43އ) އާއި ސ. ހިތަދޫ / ދޮރުފޮތިމާގެ، ޙަސަން ޢަލްފާފް (28އ) އަދި ސ. ހިތަދޫ / ކެކުރިމާގެ، އަމީން މުޙައްމަދު (23އ) އެވެ.
މި ނެޓްވޯރކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ ތަހުގީގެއް ފުލުހުން ފަށާފައިވަނީ މި އަހަރު މާރޗް މަހުން ފެށިގެންނެވެ. އަދި މި ނެޓްވޯރކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދާ ކަން ފުލުހުންނަށްވަނީ ހޯދިފައިވެއެވެ. އެގޮތުން ފާއިތުވި 5 އަހަރު މި ނެޓްވޯރކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަލީ ނަދީމް އާއި ހާފިޡު ފައުޒީ އަދި އިބްރާހީމް ސިރާޖަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި ޙަސަން އަލްފާފް އާއި އަމީން މުޙައްމަދަށް 5 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.


