ޓެލެތޯން މެދުވެރިކޮށް ދިވެހިންވީ ލާމަސީލު އެހީ ލަންކާއާ ހަވާލުކޮށްފި
6 ޑިސެމްބަރު 2025 - 06:34

އަވަށްޓެރި ސްރީލަންކާއަށް ދިމާވެފައިވާ މޫސުމީ ކާރިޘާގެ ސަބަބުން ހާލުގައި ޖެހިފައިވާ އެޤައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހި މީޑިއާތަކުން ކުރިއަށްގެންދިޔަ "ސިލޯނާއެކު ދިވެހީން ޓެލެތޯން" މެދުވެރިކޮށް ލިބުނު އަށްލައްކައަށްވުރެ ގިނަ ޑޮލަރު ނުވަތަ 12 މިލިއަނަށްވުރެ ގިނަ ރުފިޔާ، ސްރީލަންކާއާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި އެހީ ޚާރިޖީ ވުޒާރާގެ ފަރާތުން ލަންކާއާ ޙަވާލުކޮށްދެއްވީ ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދެވެ. މި ޓެލެތޯނަށް ޖުމުލަ 834,843.98 ޑޮލަރު ލިބިފައިވެއެވެ. އެއީ ބެންކް ރޭޓުން ބަލާނަމަ 12,873,294ރ އެވެ. ނުވަތަ 245 މިލިއަން ލަންކާ ރުޕީސްއެވެ.

Ad by Hajj Corporation
37 މީޑިއާއެއް ގުޅިގެން ބޭއްވި މި ޓެލެތޯން ފެށީ ނޮވެންބަރު 30 ވަނަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރުއެވެ. ޓެލެތޯން ނިންމާލީ ޑިސެންބަރުމަހުގެ އެއްވަނަ ދުވަހުގެ މެންދުރުފަހު 14:00ގައެވެ.
ޓެލެތޯނަށް ލިބިފައިވާ ޖުމްލަ އަދަދަކީ ބޭންކް އެކައުންޓްތަކަށް މިވަގުތަށް ޖަމާވެފައި ހުރި އަދަދުކަމަށާއި ބޭންކް ސްޓޭޓްމެންޓްތަކުން ވެރިފައި ކުރުމަށް ފަހު ފައިނަލައިޒްކޮށްފައި ހުރި އަދަދުތައްކަން "ސިލޯނާއެކު ދިވެހިން" ޓެލެތޯންގެ އޮޑިޓް ފާމެއްގެ ގޮތުގައި ހަމަޖެއްސި ކްރޯ މޯލްޑިވްސްއިން ވަނީ ފާހަގަކޮށްފައެވެ.
މި ޓެލެތޯނަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ސިލޯނާއެކު ދިވެހިން ޓެލެތޯނަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ހަދިޔާކުރީ ދިވެހި ފުލުހުންގެ ފަރާތުންނެވެ. ފުލުހުން ވަނީ 2.4 މިލިޔަން ރުފިޔާ ހަދިޔާކޮށްފައެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާގެ އެހީއެއް ދިނީ ދިވެހި ސިފައިންގެ ފަރާތުންނެވެ. ސިފައިންގެ ފަރާތުން 1 މިލިޔަން ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.
ސްރީލަންކާއަށް ދިމާވެފައިވާ ދަތި އުނދަގޫ މި ދަނޑިވަޅުގައި ދިވެހި ރައްޔިތުން އެޤައުމަށް ވެދިން އެހީތެރިކަން ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން ރާއްޖޭގައި އުޅޭ ލަންކާގެ ރައްޔިތުން ވަނީ އިއްޔެ އެއްވުމެއް ވެސް ބާއްވާފައެވެ. މި އެއްވުމަށް ގިނަ އަދަދެއްގެ ލަންކާ ރައްޔިތުން ޖަމާވިއެވެ. ޖަމާވި ލަންކާގެ ރައްޔިތުން ތިބީ، ޝުކުރު ވެރިކަމުގެ ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެންނެވެ.
އެއްވުމުގައި ބައިވެރިވެވަޑައިގަތުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ރިޒްވީ ޙަސަން ވިދާޅުވީ، ލަންކާއަށް ދިމާވެފައިވާ ހިތްދަތި ދަނޑިވަޅުގައި ރާއްޖެއިން ދިން އެހީތެރިކަން ތާރީޚުގައި ރަން އަކުރުން ލިޔެވޭނެ ކަމަށެވެ.
ލަންކާއަށް ވެދިން އެހީތެރިކަން ފާހަގަކުރައްވަމުން ސަފީރު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި، ދިވެހި ސަރުކާރަށާއި، އަމިއްލަ ވިޔަފާރިވެރިންނަށާއި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ.


