ދިވެހި ތަރިކައިގެ ބައެއް ނަކަލު ތަރިކައާ ބެހޭ ވުޒާރާއާ ހަވާލުކޮށްފި
7 ޑިސެމްބަރު 2025 - 04:04
-1765079250590.webp&w=3840&q=75)
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އެދުމަކަށް މޯލްޑިވްސް ޕޮލިޓެކްނިކުން ތައްޔާރުކުރި ދިވެހި ތަރިކައިގެ ބައެއް ނަކަލު ވުޒާރާއާ ހަވާލުކޮށްފިއެވެ.
ޕޮލިޓެކްނިކްގައި މިކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ވުޒާރާއާ ތަކެތި ހަވާލުކޮށްދެއްވީ ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީނެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ތަކެއްޗާ ހަވާލުވެވަޑައިގަތީ ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކައުންސިލްގެ ދިވެހި ތާރީޚުގެ އިސްވާރު އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރެވެ.

Ad by Hajj Corporation
ޕޮލިޓެކްނިކްގެ ފަރާތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ހަވާލުކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ޝާހީ ގުރުޒަކާއި ރާއްޖޭގެ ބައެއް ރަސްރަސްކަލުން ތުރުކުރެއްވި ބައެއް ހެދުންކޮޅުތަކުގެ ނަކަލެކެވެ.
ގުރުޒުގެ ނަކަލު ތައްޔާރުކުރީ ޕޮލިޓެކްނިކްގެ ކާޕެންޓްރީ ފެކަލްޓީންނެވެ. ރަސްރަސްކަލުން ތުރުކުރެއްވި ހެދުންކޮޅުތަކުގެ ނަކަލު ތައްޔާރުކުރީ އެ އިދާރާގެ ފެޝަން ޑިޒައިނިންގ ފެކަލްޓީންނެވެ.
ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީން ވިދާޅުވީ ދިވެހި ތަރިކައިގެ ބައެއް ނަކަލު ތައްޔާރުކުރުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އެ މަރުކަޒަށް ހުށަހެޅުމަކީ ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.
މި މަސައްކަތް ކޮށްފައިވާނީ އަސްލު ހެދުންކޮޅާއި އަސްލު ގުރުޒާ އެންމެ ގާތްކުރާގޮތަށް ކަމަށާއި މިކަހަލަ ފުރުސަތެއް ފުރަތަމަ ފަހަރަށް ލިބުނީމާ ވުޒާރާއިން ބޭނުންވާ ފެންވަރަށް މިމަސައްކަތް ކުރެވުނުކަމަށްއުއްމީދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފުރުސަތު ދެއްވީތީ، ވަޒީރު އަދި ވުޒާރާގެ ޓީމަށް ޒޫޝާން ޝުކުރުއަދާކުރެއްވިއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކައުންސިލްގެ ދިވެހި ތާރީޚުގެ އިސްވާރު އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރު ވިދާޅުވީ ދިވެހި ތަރިކައިގެ ބައެއް ނަކަލު ތައްޔާރުކުރެއްވުމަށް ޕޮލިޓެކްނިކާ ހަވާލުކުރީ އެފަދަ މަސައްކަތެއް ކުރުމަކީ އެ ކަމުގެ ހުނަރާއި ފަންނާ އަދި ތަޖުރިބާ ހުރި ބަޔަކަށް ނޫނީ ކުރެވޭނެ މަސައްކަތަކަށް ނުވާތީ ކަމަށެވެ.
ޝާކިރު ވިދާޅުވީ ރާއްޖެއިން ލިބެން ހުރި ތަކެތި ބޭނުންކޮށްގެން ނަމޫނާ ތައްޔާރުކޮށްފައިވަނީ އަސްލާ ވަރަށް އެއްގޮތް ގޮތަކަށް އަދި އެހާމެ ކަވި، ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ. ޕޮލިޓެކްނިކްގެ މަސައްކަތުގެ ފުރިހަމަކަން ފާހަގަކުރައްވައި ޝާކިރު ވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމްގެ ނަންފުޅުގައި ޕޮލިޓެކްނިކްގެ އިސްވެރިންނާއި މަސައްކަތުގައި އުޅުއްވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.


