ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކާބޯތަކެތި ތައްޔާރުކުރުމުގެ މުބާރާތެއް!
23 ޖެނުއަރީ 2026 - 05:51

ރަމަޟާން މަހަށް ޚާއްޞަކޮށްގެން، ކާބޯތަކެތި ތައްޔާރުކުރުމުގެ މުބާރާތެއް ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާބެހޭ ވުޒާރާއިން އިޢުލާނުކޮށްފިއެވެ.
ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި މި މުބާރާތުގެ މަޤްޞަދަކީ، ޒަމާނުއްސުރެ ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުންނާއި ރޯދަމަހު، ދިވެހީން ޢާންމުކޮށް ބޭނުންކުރަމުން އަންނަ ކާބޯތަކެތި، އޭގެ އަޞްލާ އެއްގޮތަށް އުފައްދާ، މުޖުތަމަޢުގައި އެތަކެތި އާލާކުރުމެވެ. އަދި މި މުބާރާތް ކުރިއަށްގެންދާނީ، ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާބެހޭ ވުޒާރާ އަދި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާ ގުޅިގެން ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

Ad by Hajj Corporation
އެވުޒާރާއިން ބުނެފައިވަނީ މި މުބާރާތުގައި ބައިވެރިކުރެވޭނީ ހަމައެކަނި ދިވެހީން ތައްޔާރުކޮށްފައިވާ ތަކެތި ކަމަށާއި، އެތަކެތި ވާންޖެހޭނީ ޒަމާނުއްސުރެ ދިވެހީން ރޯދަމަހު ކެއިންބުއިމަށް ބޭނުންކުރާ ތަކެތީގެ ތެރެއިން ވުޒާރާއިން އިޢުލާނާއެކު ޢާންމުކޮށްފައިވާ އުޞޫލުގައި ކަނޑައަޅާފައިވާ ގިންތިތަކުގެ ތަކެތި އެކަނި ކަމަށެވެ.
ވުޒާރާގެ އިޢުލާނާއެކު ވަނީ މުބާރާތުގެ ޤަވާޢިދާއި، މުބާރާތުގައި ބައިވެރިކުރެވޭނެ ބާވަތްތަކުގެ ލިސްޓެއްވެސް ޢާންމުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ:
- ހަވާދުގެ ބާވަތްތައް
- އަސާރަތައް/މުރުއްބާ
- ކެއްކިފަނި/ކަނދި
- ސަޓަނި/މަސްހުނި/ބޮނޑިބަތް (ފޮނިކާތަކެތި)
- ހެދިކާ
އެ ވުޒާރާއިން ގެޒެޓުކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވާގޮތުން، މިހާރު ވަނީ މި މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލާފައެވެ. އަދި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 28 ވާ ބުދަ ދުވަހުގެ 14:00 އަށް ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.
މި މުބާރާތާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި މި ވުޒާރާގެ އިވެންޓްސް އެންޑް އައުޓްރީޗް ސެކްޝަންގެ 7699595 ނަންބަރު ފޯނަށްގުޅުމަށް ވުޒާރާއިން އެދިފައި ވެއެވެ.


