ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުން ޙުސްނުއްސުޢޫދަށް ކަމަކު ނުދިޔަ
7 ޑިސެމްބަރު 2025 - 06:16

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުން އެއީ އެންމެ ރަނގަޅުގޮތް ނޫންކަމަށް، ކުރެވުނު ކޮރަޕްޝަންގެ ތުހުމަތުތަކާއެކު މަގާމުން އިސްތިއުފާދެއްވި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޙުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައި މިވަނީ، ދިވެހިރާއްޖެއަށް 500 ގްރާމަށްވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާނަމަ އަދަބަކީ މަރުގެ އަދަބުކަމަށް ކަނޑައަޅައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން މި މަހުގެ ތިންވަނަ ދުވަހު ފާސްކުރުމާ ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

Ad by Hajj Corporation
މަޖިލީހުން ފާސްކުރި އެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ އިއްޔެ ތަސްދީގުކުރައްވާފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޙުސްނުއްސުޢޫދު ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއާއި ރާއްޖޭގައި ކޮރަޕްޝަންގެ ވަބާ އޮތް ވަރާ ދާދި އެއްފަދަ ކަމަށެވެ. މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ގައުމުގައި މަސައްކަތްކުރާ ގޮތުގެ ސިޔާސަތަށް އައި ބޮޑު ބަދަލެއް ނަމަވެސް، މިއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާކަމަށް ޙުސްނުއްސުޢޫދު ވިދާޅުވިއެވެ.
ޙުސްނުއްސުޢޫދު މިހެން ވިދާޅުވި ނަމަވެސް، މި އިސްލާހާ ގުޅިގެން ގިނަބަޔަކު އަންނަނީ ސަރުކާރަށް ތައުރީފުކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ހައްލުނުވެފައި އޮތް މަސްތުވާތަކެތީގެ ވަބާއަށް، ވަރަށް ބޮޑު ހެޔޮ ބަދަލުތަކެއް މި އިސްލާހާ އެކު އަންނާނެކަމަށް މިކަމާ ގުޅޭގޮތުން ހިޔާލު ފާޅުކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހު ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ހުށަހެޅުއްވި ބިލުގައިވާ ގޮތުން، ޤާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުން ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރަން އުޅުން ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރުމަށް ނުވަތަ ބޭރުކުރުމަށް އެހީތެރިވެދިނުން ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރުމުގައި ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމުގެ އަދަބު ބޮޑުކޮށް، 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު -/75,000 (ހަތްދިހަފަސްހާސް) ރުފިޔާއިން ފެށިގެން -/7,500,000 (ހަތްމިލިއަން ފަސްލައްކަ) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމަށް ވަނީ ކަނޑައަޅާފައެވެ.
އަދި ބިލުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމުގެ ކުށުގެ އަދަބު ބޮޑުކޮށް، ވަކި ޝަރުޠުތަކެއް ފުރިހަމަވާނަމަ، އެމީހެއްގެ އަދަބަކީ މަރުގެ އަދަބު ކަމަށް ވަނީ ކަނޑައަޅައިފައެވެ. އެ ޝަރުޠުތަކުގެ ތެރޭގައި އެމީހަކު ދިވެހިރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތީގެ ބަރުދަނަކީ، 350 (ތިންސަތޭކަފަންސާސް) ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސް، ނުވަތަ 250 (ދުއިސައްތަފަންސާސް) ގްރާމަށްވުރެ އިތުރު ޢަދަދެއްގެ ޑައިމޯފިން، ނުވަތަ ކެނެބިސް ނުވަތަ ޑައިމޯފިން ފިޔަވައި ޤާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއްނަމަ، ނުވަތަ 100 (ސަތޭކަ) ގްރާމަށްވުރެ އިތުރު ޢަދަދެއްކަމުގައި ވުމާއެކު އެމީހަކު ދިވެހިރާއްޖެއަށް އެތެރެކުރި މަސްތުވާއެއްޗަކީ، އެމީހަކު ދިވެހިރާއްޖެއަށް އެތެރެވިއިރު، އެތެރެކުރި އެއްޗަކަށްވުން ހިމެނެއެވެ.
މަރުގެ އަދަބު މީހެއްގެ މައްޗަށް ކަނޑައެޅިއްޖެނަމަ، އެ ޙުކުމްގެ ހުރިހާ ޤާނޫނީ ނުކުތާތަކާއި މައްސަލާގައި ކަންހިނގާފައިވާގޮތް ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓަކުން އަލުން ބަލަންވާނެކަމަށާއި، އަދަބު ތަންފީޒުކުރެވޭނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާޤުން އެގޮތުގެމަތިން ޙުކުމް ކުރުމުންކަމަށް ވަނީ ކަނޑައަޅައިފައެވެ.
މި ބިލުގައި ޢުމުރަށް ޖަލަށްލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅައިފައިވާ ކުށްތަކަކީ، އެއްވެސް ގޮތަކަށް އަދަބު މަޢާފުކޮށްދެވިގެން ނުވާނެ ނުވަތަ ލުއިކޮށްދެވިގެން ނުވާނެ ކުށްކުށުގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ. އަދި އެފަދަ ކުށެއްގެ ތުހުމަތުގައިވާ ފަރާތަކާއެކު ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ބަޔާންކުރާ އިޢުތިރާފުގެ އެއްބަސްވުމެއް ވެގެންނުވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން، މި ބިލުގައި މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށްތަކެއް ވަނީ ކަނޑައަޅައިފައެވެ. އެ ގޮތުން، މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، އެފަދަ ތަނެއްގައި މަސްތުވާތަކެތި ބޭނުންކުރާކަން އެނގޭ ޙާލު، ނުވަތަ އެގޮތަށް ޤަބޫލުކުރާނެ ފުރުޞަތު އޮވެ، އެ ތަނެއްގެ ވެރިފަރާތުން، ނުވަތަ އެ ތަނެއް ކުއްޔަށްހިފައިގެންއުޅޭ ފަރާތުން، ނުވަތަ އެ ތަނެއްގައި އެވަގުތަކު އުޅޭ ފަރާތުން، ނުވަތަ އެ ތަނެއް ބަލަހައްޓަމުންދާ ފަރާތުން، ނުވަތަ އެ ތަނަކާ ޙަވާލުވެހުރި ފަރާތުން އެކަން ހިނގިޔަދިނުމަކީ ނުވަތަ ހުއްދަކުރުމަކީ ނުވަތަ އެކަމަށް މަގުފަހިކޮށްދިނުމާއި، މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސްކުރުން ވެސް ހިމެނެއެވެ. އަދި މަސްތުވާތަކެތި ޓްރެފިކްކުރަން ގެންގުޅޭ އުޅަނދު ހިފަހައްޓައި ދައުލަތަށް ނެގުމާއި، "މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތްދޭ ތަންތަން" ބަންދުކުރުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ދުނިޔޭގެ އިސްލާމީ ބޮޑެތި ގައުމުތަކާއި ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުގައި ވެސް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެއެވެ. އެގޮތުން ސައުދީ އަރަބިއްޔާ، އީރާން، އިންޑޮނީޝިއާގެ އިތުރުން ޗައިނާގައި ވެސް، މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންނަށް ދެނީ މަރުގެ އަދަބެވެ.


